ގދ.ފަރެސްމާތޮޑާ އެއަރޕޯޓް ޑިޒައިންކުރުމާއި، އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
މިމަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތި ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޢާދަމް އާޒިމެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ފަރެސްމާތޮޑާގަ ތަރައްޤީކުރާ އެއަރޕޯޓް މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުން މަސައްކަތް ނިންމުމަށެވެ. އެގޮތުން އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމާއި، އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުން މިމަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މިއީ 144.8މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. 2018 ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގެ ކޮންމެ ތަނަކުން 30 މިނެޓުން އެއަރޕޯޓަށް ދެވޭ ހިސާބުގައި އެއަރޕޯޓް ތަރައްޤީކުރުންކަމަށް ސަރުކާރުން ބުނެއެވެ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު، ސަރުކާރުން ދަނީ މިމަހުގެ ތެރޭގައި ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ މަސައްކަތްކުރަމުންނެވެ. މިހާރު އެއަރޕޯތްގެ މަސައްކަތް މިހާރުވަނީ ނިމުމަކާއި ގާތްވެފައެވެ.
ކޮމެންޓު ފޮނުވާ