ރައީސުލްޖުމްހޫރިއްޔާއަށްވުރެ މަތީގައި އުޅުއްވާ ވަޒީރުން ރާއްޖޭގެ ކެބިނެޓްގައި އެބަ ތިއްބެވިކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގައި ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ވަޒީރަށް އޮންނަ ގޮތަށް އޮތް މާއްދާ އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ އިޞްލާހަށް މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޙުސައިން ވިދާޅުވީ، ރާއްޖޭޣެ ޚާރިޖީ ސިޔާސަތު އެކުލަވާލައްވަން ޖެހިވަޑައިގަންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާކަމަށެވެ. އެއީ ޚާރިޖީ ވަޒީރަކު ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ނޫންކަމަށާއި، މީގެ ހަތަރު މަހެއްހާ ދުވަސް ފާސްކޮށް އަމަލުކުރަން ފެށި ފޮރިން ސާރވިސްގެ ޤާނޫނަށް އިޞްލާހު ގެނަން ޖެހުނު ސަބަބަކީވެސް ރައީސުލްޖުމްހޫރިއްޔާއަށްވުރެ ފޮރިން މިނިސްޓަރުގެ ބާރު ގަދަވެފައި އޮތުންކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
ޢަލީ ޙުސައިން ވިދާޅުވީ އެ އިޞްލާހުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާއަށްވުރެ މަތިން ކަންކަން ނިންމާ ވަޒީރުން ތިބިކަންކަމަށެވެ.
ހިތުހުރި ގޮތަކަށް ފައިސާ ހޭދަކުރަމުން އަންނަތަން ފެންނަކަމަށާއި، އެީ ހަމައެކަނި ޚާރިޖީ ވުޒާރާގެ ތެރެއިން ފެންނަކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ ޙުސައިން ވިދާލުވިގޮތުގައި ބައެއް ވަޒީރުން ގެންދަވަނީ އެ ވަޒީރަކު ބޭނުންފުޅުވުމުން ކުންފުނިތައް އުފައްދަވައި އެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރައްވައި އެ ބޭފުޅުންނަށް ބޮޑެތި މުސާރަތައް ދެއްވަމުންކަމަށެވެ.
ޢަލީ ޙުސައިން ވިދާޅުވީ ޤާނޫނުތައް އުފައްދާއިރު، ވަރަށް ބޮޑަށް ދިރާސާކޮށް، އެއްވެސް ވަޒީރަކަށް ޤާނޫނަކުން ހިފަހެއްޓުމެއް ނެތި ބޮޑެތި ބާރުތަކެއް ދޫކޮށްގެންނުވާނެކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ