ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަންގެ ސަބަބުން ރައްޔިތުންނަށް ފުލުހުންނާއިމެދު އޮތް އިތުބާރު ބޮޑުވެގެން ދިޔަކަމުގައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ރޭވިގެން ހިންގޭ ކުށްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކުށުގެ ގޮތުގައި ބެލެވޭ ޓެރަރިޒަމާއި، ހައްދު ފަހަނަ އަޅާފައިވާ، ހަރަކާތްތައް ހުއްޓުވުމަށް ފުލުހުންގެ މުއައްސަސާއި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތު މީޑިއާގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމާއި، އޭގެ ނުރައްކާ އޮތްކަން ދިވެހި ރައްޔިތުންގެ ލޯކުރިމަތިން ތަޖުރިބާ ކުރެވިފައިވާކަމަށެވެ. މިހަމަލާތަކަކީ ގުޅިފައިވާ ނެޓްވޯކްތަކުން، އެކި ސިފަސިފާގައި ރޭވިގެން ހިންގޭ ހަރަކާތްތަކެއްކަމަށް ސީޕީ ވިދާޅުވިއެވެ.
ކޯވިޑާއި ގުޅިގެން ފުރަބަންދުގައި މުޅި ދުނިޔެ އޮތް އިރުވެސް ނިރުބަވެރި ހަމަލާތައް ރާވާ ހިންގާ ފަރާތްތަކުން ސޯޝަލް މީޑިގައި އޮންލައިގެން ޒަރީއާއިން މިނުރައްކާތެރި އަމަލު ފެތުރުމަށް ކެނޑިނޭޅި މަސައް ކުރަމުންދިޔަކަމަށެވެ. މިކަން ރާއްޖެއިންވެސް ތަޖުރިބާ ކުރެވުނު ކަމަށާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ ހަމަ މިފަދަ ގޮތަކަށް ރޭވިގެން ދިންތިޒާމު ވެގެން ދީފައިވާ ހަމަލާއެއްކަމަށް ސީޕީ ވިދާޅުވިއެވެ. މިހަމަލާގައި ފުލުހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރީ ހަމަލާގައި ބައިވެރިވި އެންމެން ހައްޔަރުކޮށް ޤާނޫނުގައި ބުނާ މުއްދަތުގައި ތަހުގީގް ފެށުމަށް ކަމަށާއި، އެކަން ފުލުހުންގެ މުއައްސަސާއިން ކާމިޔާބު ކަމާއިއެކު ކޮށްފައިވާކަން ސީޕީ ފާހަގަ ކުރެއްވިއެވެ.
6 މެއިގެ އެހަމަލާގެ ތަހުގީގަށް ފުލުހުން ދިން ރެސްޕޮންސަކީ ވަރަށް ޕްރޮފެޝަނަލް، ވަރަށް ޤާބިލް ރެސްޕޮންސެއް. މިހަލާ ރޭވުމުގައާއި، ހަމަލާ އެގްޒެކިއުޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހުރިހާ ފަރާތެއް ހައްޔަރުކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެފަރާތްތަކުގެ ތަހުގީގް ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައި އެޝަރީއަތް މިހާރުވަނީ ފެށިފަ. އެއީ ބޮޑު ކުރިއެރުމެއް.
– ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ދިވެހި ފުލުހުން އަބަދުވެސް އޮންނަނީ މިފަދަ ކޮންމެ ހާލަތަކަށް، އަދި ހަމަލާއަކަށް ސަމާލުވެ ހޭލާކަމަށެވެ. ޓެރަރަޒަމާއި އެއްވަރަށް މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ދީނާ ފޔރައްސާ ކުރާ މައްސަލަތަކަކީވެސް ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއްކަމަށެވެ. ފުލުހުން ކޮންމެ ދުވަހަކުވެސް ކުރާ މަސައްކަތަކީ މިފަދަ އަމަލެއް ހިނގިޔަ ނުދިނުން ކުރާ މަސައްކަތް، ކަމަށާއި، ކޮންމެ ދުވަހު ހުއްޓުމެއް ނެތި ހުރިހާ މުއައްސަސައަކާއި ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ކުރަމުންދަނީ މިމަސައްކަތް ކަމުގައެވެ.
ސީޕީ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އެކިގޮތް ގޮތަށްވެސް ހަރަކާތްތެރިވާކަން ހިންގޭ އެކި އޮޕަރޭޝަންތަކުން ހާމަވާކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވިލިމާލެއިން ހައްޔަރު ކުރި މީހާއަކީ ރާއްޖޭގައި އާންމު މީހެއްގެ ގޮތުގައި ދިރިއުޅެމުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެރެރިސްޓް ޖަމާއަތެއްގެ ހުރިހާ ޕްރޮޕެގެންޑާއެއް ރާއްޖޭގައި ގެންދިޔަ މީހެއްކަމަށެވެ.
ކޮމެންޓު ފޮނުވާ