އެޗްޑީސީން ހުޅުމާލޭގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗެއް ޤާއިމުކޮށްފި

އެޗްޑީސީން ހުޅުމާލޭގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗެއް ޤާއިމުކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ހުޅުމާލޭގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

އެޗްޑީސީން ބުނީ، ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަގްސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ކަމަށެވެ. އަދި މި ވަސީލަތްތައް ރާއްޖޭގެ މިމާހައުލާ ގުޅޭ މިންވަރު ބެލުމަށްފަހު މިތަކެތި ހުޅުމާލެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިގެންދާނެ ކަމަސް އެޗްޑީސީން ބުނެފައި ވެއެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ގާއިމްކުރެވުނު ޓެކްނޮލޮޖީއެކެެވެ. މި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އަކީ ސިޓީއަށް އިތުރު ފުރިހަމަ ކަމާއި ރީތިކަން ގެނެސްދޭފަދަ ޒަމާނީ ގޮތަކަށް ފަރުމާކޮށްފައިވާ އޮމްނިފްލޯގެ އުފެއްދުމެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ހަލުވި ސްޕީޑުގައި ރާއްޖެ ކުރިއަރަމުން އަންނައިރު އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި އެޗް.ޑީ.ސީ އިސްވެ މި ނެންގެވި ފިޔަވަޅަކީ އިރުގެ އަލިން ހަކަތަ ލިބިދޭ މިންވަރަށް ބަލާއިރު ރާއްޖެފަދަ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ޤައުމެއްގައި ރައްޔިތުންނަށް ފައިދާ ކުރަނިވިގޮތެއްގައި ފޯރުކޮށްދެވޭނެ މުހިއްމު ޚިދުމަތެއްކަމަށެވެ. އަދި މިފަދަ އިތުރު ވަޞީލަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުވެގެން ދިއުމަކީ ކުރާ އުއްމީދެއްކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ ޖުމުލަ ގޮތެއްގައި މުޅި ސިޓީގެ ކާބަން އެމިޝަން ކުޑަކުރެވުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން ދިގު މުއްދަތުގައި ހުޅުމާލެ ފަދަ އާބާދީ ބޮޑު އަރބަން ސިޓީތަކުގެ ތިމާވެއްޓަށް ގިނަގުނަ ހެޔޮ ބަދަލުތައް އަންނާނެކަމުގެ ޔަޤީންކަން އޭނާ އަރުވާފައިވެއެވެ.

ސްމާޓް ޕޯލް އަކީ އިރުގެ އަލި އަދި ވައިގެޒަރީއާއިން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދިއްލޭ ޕޯލްއެއް ކަމަށެވެ. އަދިސްމާޓް ޕޯލް މެދުވެރިކޮށް މިފަދަ ދިއްލުންތަކުގެ ކަރަންޓު ބޭނުންކުރެވޭ މިންވަރު 90 އިންސައްތަ ކުޑަ ކުރެވިގެން ދާނެ ކަމަށް ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *