މާބަނޑު އަންހެނުން ރޯދަނުހިފާ ދޫކޮށްލުމަކީ ހުއްދަ ކަމެއްތަ؟

މާބަނޑު އަންހެނުން ރޯދަނުހިފާ ދޫކޮށްލުމަކީ ހުއްދަ ކަމެއްތަ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މާބަނޑު އަންހެނުންނާއި ކިރުމައި މީހުންގެ ޙުކުމަކީ ބަލި މީހުންނާއި ދަތުރު ވެރިންގެ ޙުކުމެވެ.

އެފަދަ މީހުން ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަށްފަހު، އެހެން ދުވަހެއްގައި އެރޯދަ ގަޟާ ކުރާނީއެވެ. ރޯދަ ދޫކޮށްލާފައިވަނީ އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުމެއް ލިބިދާނެތީ ކަމަށްވިޔަސް، ނުވަތަ ދަރިފުޅަށް ގެއްލުމެއް ވެދާނެތީވެ ނަމަވެސް އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِنَّ اللَّهَ تَعَالَى وَضَعَ عَنْ الْمُسَافِرِ الصَّوْمَ وَشَطْرَ الصَّلاةِ ، وَعَنْ الْحَامِلِ والْمُرْضِعِ الصَّوْمَ) މާނައަކީ: "ދަތުރު ވެރިޔާގެ މައްޗަށް ނަމާދުގެ ދެބައިކުޅަ އެއްބައި ﷲ ލުއި ކުރައްވައިފިއެވެ. އަދި ރޯދަ ހިފުން މާފްކޮށް ދެއްވައިފިއެވެ. ހަމައެފަދައިން މާބަނޑު އަންހެނުންނާއި ކިރުމައިންނަށްވެސް ރޯދަ މާފްކޮށް ދެއްވައިފިއެވެ".

މާބަނޑު އަންހެނުން ރޯދަ ދޫކޮށްލަނީ އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުން ލިބިދާނެތީ ކަމަށްވިޔަސް ނުވަތަ ދަރިފުޅަށް ގެއްލުމެއް ވެދާނެތީނަމަވެސް، އެމީހުންގެ ޙުކުމަކީ ބަލި މީހުންގެ ޙުކުމެވެ. އެމީހުން ރޯދަ ދޫކޮށްލުމަށް ފަހު އެހެން ދުވަހަކުން އެރޯދަތައް ގަޟާ ކުރާނީއެވެ.

ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ) މާނައަކީ: "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ".

ނަމަވެސް އެކަނބަލުންގެ އަމިއްލަ ނަފްސަށް ނުވަތަ ދަރިފުޅަށް ރޯދަ ހިފުމުން ގެއްލުމެއް ވެދާނެ ކަމުގެ ބިރެއް ނެތްނަމަ ރޯދަ ހިފަން ޖެހޭނެއެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ) މާނައަކީ: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضرވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!".

والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *