ޔާމީން، މައުމޫނަށް: 3،000 މީހުން ހަމަނުވަންޏާ ސިޔާސީ ކަންކަމާއި ދުރައްޖެހިވަޑައި ގަންނަވާ

ޔާމީން، މައުމޫނަށް: 3،000 މީހުން ހަމަނުވަންޏާ ސިޔާސީ ކަންކަމާއި ދުރައްޖެހިވަޑައި ގަންނަވާ

ސިޔާސީ މަސައްކަތަށް ނިކުމެ ވަޑައިގަންވާއިރު، އަމިއްލަ ސިޔާސީ ޕާޓީގައި ރާއްޖޭގެ އާބާދީގެ ތެރެއިން 3،000 މީހުން ހަމަ ނުކޮށްލެވޭ ބޭފުޅުން ސިޔާސީ ކަންކަމާއި ދުރައް ޖެހިވަޑައިގެތުމަށް ގޮވާލައި، ރައީސް ޔާމީންގެ ރައްދެއް ރައީސް މައުމޫނަށް ދެއްވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ރައީސް މައުމޫނާއި އުފެދުނު ޚިޔާލްތަފާތުވުން ތަކާއިއެކު ދެބޭފުޅުންގެ ގުޅުން ވަނީ އެއްކޮށް ހީނަރުވެ ގުޅުން ކެޑިފައެވެ. ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކީވެސް ރައީސް މައުމޫނެވެ.

ރައީސް މައުމޫންވަނީ ޕީޕީއެމުން ވަކިކުރުމުން، އިސްލާހީ ހަރަކާތުގެ ނަމުގައި މައުމޫން ރިފޯމް މޫވްމަންޓު އުފައްދަވާފައެވެ. ނަމަވެސް މިފަހުން ދިމާވި މައްސަލައަކީ އެމްއާރުއެމްގައި 3،000 މެމްބަރުން ނެތުމުގެ މައްސަލައެވެ. 3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ގާނޫނުގައި އޮންނަ ގޮތުގެ މަތިން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އަމިއްލަ ޕާޓީގައި ޤާނޫނުގައި ބުނާ 3،000 މީހުން ހަމަނުވާނަމަ ސިޔާސީ މައިދާނުގައި އުޅުމުގެ ބޭނުމެއް ނެތްކަމަށެވެ. އެފަދަ ބޭފުޅުން ސިޔާސީ ކަންކަމާއި ދުރަށް ޖެހި ވަޑައިގެން އަރާމު ކުރެއްވުން މާ އައުލާކަން ބޮޑުކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ މިއޮއްބޮޑު އާބާދީގެ ތެރެއިން 3،000 މީހުން ހަމަނުވާ ކަމަށްވަންޏާ އެއީ ލީޑަރެއް ކަމަށް ޕޯޓްރޭޓްވެގެން ރަޖިސްޓްރީވެގެން ރައްޔިތުންނަށް ދައްކައިގެން އުޅޭނެ ކަމެއް ނެތޭ. މީހުން ގަބޫލުކުރަން އެބަޖެހޭ ދެއްތޯ އެ މީހުންގެ ސިޔާސީ ދައުރު މިހާރު މާޒީވެ ހިނގައްޖެ ކަމަށް. އެއަކަށް ޖާގައެއް ނެތޭ މިއަދަކު. އެހެންވީމަ ކީއްކުރަންތޯ މި އުޅެނީ. ކަމެއް ކުރަންޏާ މި ފަސްގަނޑުގެ ހިމާޔަތުގައި ތެދުވަންވީ.

– ރައީސް ޔާމީން ރައީސް މައުމޫނަށް އަމާޒުކޮށް ވިދާޅުވިއެވެ.

މިއީ މައުމޫން އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓީއެވެ. އޭގެ ކުރިން އެމަނިކުފާނު އުފެއްދެވި ޕާޓީއަކީ ޕީޕީއެމްއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީއެވެ.

މައުމޫން ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން މައުމޫން ޕާޓީން ވަކިކުރީއެވެ. ޑީއާރުޕީން މައުމޫން ނުކުމެވަޑައިގަތީ އޭރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވި އަހްމަދު ތަސްމީން އަލީއާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *