ސައުދީ އަރަބިއާގެ ތެޔޮ ކުންފުނި، އަރާމްކޯގެ ތެޔޮ ރައްކާކުރާ ސްޓޯރޭޖް ފެސިލިޓީތަކަށް މިސައިލް ހަމަލާތަކެއް ދީފައި ވާކަމަށް، ޔަމަނުގައި ހަގުރާކުރަމުންދާ ހޫތީން ބުނެފިއެވެ.
އަދި ސައުދީ އަރާމްކޯއިން ބުނެފައިވަނީ، އެގައުމުގެ ޖިއްދާގައި ހުންނަ ތެޔޮ ރައްކާކުރާ ސްޓޯރޭޖަށް ދިން ހަމަލާތަކާއި ގުޅިގެން ތެޔޮ ރައްކާކުރާ 2 ޓޭންކުގައި ރޯވެފައިވާ ކަމަށާއި، އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމުގައެވެ.
ހޫތީންގެ ހަމަލާތަކަށްފަހު، ރެޑްސީގެ އައްސޭރީގައި އޮންނަ ޖިއްދާގެ މަތިން ކަޅު ބޯ ދުން އަރަމުންދާ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. ޖިއްދާއަކީ، މި ހަފްތާ ބަންދުގައި، ގްރޭންޑް ޕްރިކްސް ކާރު ރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ސިޓީވެސް މެއެވެ.
ކުރިޔަށް އޮތް ރޯދަމަހަށް ހަގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލްކުރަން ފެށުމުގެކުރިން ހޫތީންވަނީ، ސައުދީ އަރަބިއާގެ ތެޔޮ ކާރުޚާނާތަކަށް ދޭ ހަމަލާތައް ފާއިތުވެދިޔަ ހަފްތާތަކުގައި އިތުރު ކޮށްފައެވެ.
ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ، ސައުދީ އަރަބިއާ އިސްކޮށް އޮވެ އުފައްދާފައިވާ އަރަބި ކޯލިޝަނުން ފާއިތުވެދިޔަ ތަނުގައި ބުނެފައިވަނީ، ހޫތީން ދެމުންދާ ހަމަލާތަކުގެ ރައްދު ހަމަލާ ދިނުން މަޑު ޖައްސާލާފައިވާ ކަމުގައެވެ. އެހެންނަމަވެސް އެންމެފަހުން ހޫތީން މިދިން މިސައިލް ހަމަލާތަކަށްފަހު، ސައުދީ ކޯލިޝަނުންވަނީ، ހޫތީންގެ އަމާޒުތަކަށް ވައިގެން މަގުން ހަމަލާ ދޭން ފަށާފައެވެ. އަދި ބުނެފައިވަނީ މި ހަމަލާތަކަކީ، މުޅި ދުނިޔެއަށް މުހިންމު ހަކަތައިގެ ވަސީލަތްތަކާއި، އަދި ސަޕްލައި ޗެއިންތައް ރައްކާތެރި ކުރުމުގެ ގޮތުން ދޭން ފަށާފައިވާ ހަމަލާތަކެއް ކަމުގައެވެ.
ސައުދީ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހޫތީންގެ ހަމަލާތަކާއެކު ރޯވެފައިވާ އަލިފާންގަޑު ހުކުރު ދުވަހު ނިއްވާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، ސައުދީގެ އެޚްބަރިއްޔާ ޓީވީ ޗެނަލްއިން ވަގުތުން ދައްކަމުންދިޔަ މަންޒަތަކުގައި، އަލިފާން ރޯވެފައިވާ މަންޒަރު އޭގެފަހުންވެސް ވަނީ ފެނިގެން ގޮސްފައެވެ.
ސައުދީ އަރަބިއާގެ އެނާޖީ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ މިހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. އަދި ބުނެފައިވަނީ، މިފަދަ ހަމަލާއެއްގެ ސަބަބުން، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް އަތުވެދާނެ ނުރަގަޅު އަސަރެއްގެ ޒިންމާ އެގައުމުން ނުއުފުލާނެ ކަމުގައެވެ. އަދި އެނާރޖީ މިނިސްޓްރީންވަނީ ހޫތީންނަށް ބެލެސްޓިކް މިސައިލްތަކާއި އަދި ފަހުގެ ޑްރޯންތައް ފޯރުކޮށް ދެމުންދަނީ އިރާނުން ކަމުގައި ބުނެފައެވެ. އަދި ބުނެފައިވަނީ މިފަދަ ހަމަލާތަކުގެ ސަބަބުން ސައުދީ އަރަބިއާއިން އުފައްދަމުންދާ ތެލުގެ މިންވަރަށް ބަދަލު އައިސް، ދުނިޔޭގެ މާރކެޓަށް ބޭނުންވާ ވަރަށް ތެޔޮ ސަޕްލައި ކޮށްދިނުމުގައި އެގައުމަށް ލިބިފައިވާ ގާބިލްކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.
ހޫތީންނަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ކުރެވޭ ތުހުމަތުތަކަށް އިރާނުން އަބަދުވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ.