ބިދޭސީންނަށް ދިގު މުއްދަތަކަށް ރާއްޖެއިން ވީޒާ ދޫކުރުމަކީ ޤައުމަށް ޣައްދާރުވުންކަމަށާއި، އެއީ އެހެން މަޤްޞަދެއް ހާސިލްކުރުމަށް ކޮޅުމަތިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި 250،000 ޑޮލަރަށްވުރެ މަތިން އިންވެސްޓްކުރާނަމަ ކޯޕަރޭޓް ވީޒާ ލިބޭގޮތަށް މަޖިލީހުން މިއަދު ފާސްކުރީ 53 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިކަމާއި ގުޅިގެން މެންބަރު ޝިޔާމް ވިދާޅުވީ، މިއީ ޤައުމަށް ޣައްދާރުވުންކަމަށާއި، މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުން ކުރިމަތިވާނެކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް. އެންމެ 250،000 ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ކޯޕަރޭޓް ވީޒާ ދޫކުރަން ފެށުމަކީ ޤައުމަށް ޣައްދާރު ނުބައި، ދުރު އަމާޒެއްގެ މަޤްޞަދެއް ޙަސިލްކުރުމުގެ ކޮޅުމަތި
-ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ކޯޕަރޭޓް ރެސިޑެންޓް ވީޒާއަކީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސްފަރާތެއް، އަދި އެއިން ފަރާތެއްގެ ޢާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި، ދިވެހިރާއްޖޭގެ ބެންކެއްގައި މަދުވެގެން 250,000 ދެލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު 5 އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި އަދި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެއްކަމަށާއި، މި ޙާލަތްތައް ދެމިއޮތްނަމަ، އެފަރާތްތަކަށް ދޫކުރާ ކޯޕަރޭޓްރެސިޑެންޓް ވީޒާ ކޮންމެ 5 އަހަރަކުން އައު ކުރަންވާނެކަމަށްވެސް އިމިގްރޭޝަން ޤާނޫނަށް ގެންނަ އިޞްލާހުގައިވެއެވެ.
ކޮމެންޓު ފޮނުވާ