ފެހި ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް އައި ހުރިހާ ސަރުކާރަކަށްވެސް ޤާނޫނު އަސާސީގެ 32 ވަނަ މާއްދާ ވަނީ ބޮޑު ބިރަކަށް ވެފައި ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މާދަމާ މާލޭގައި އިންޑިއާ އައުޓްގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައި އެކަން އިއުލާން ކުރުމުން ފުލުހުން އެޖާގަ ނުދޭނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން ވަނީ މިހަރަކާތަކީ ނުރައްކާތެރި އަދި މާލޭގައި ކުށްކުރާ ގޭންގުތަކާއި ގުޅިގެން ހިންގާ ހަރަކާތެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ. އަދި މިހަރަކާތް ބޭއްވުމަށް ޖާގަ ނުދޭނެކަމުގެ އިންޒާރު އިއްޔެ ފުލުނން ވަނީ ދީފައެވެ.
ފުލުހުން މިފަދަ ބަޔާނެއް ނެރެފައިވަނީ މިނިސްޓަރ އިމްރާން މިހަފްތާގައި މަޖިލީހުގައިވެސް އިންޑިއާ އައުޓް ހަރަކާތް ހިންގަން ޖާގަ ނުދޭނެކަމަށް ބުނެފައި ވަނިކޮށެވެ. ކުރީގެ ޕީޖީ މުހުތާޒު ވިދާޅުވީ، ފެހި ޤާނޫނު އަސާސީގެ ދަށުން އައިކޮންމެ ސަރުކާރަކަށްވެސް އޮތް އެންމެ ބޮޑު ބިރަކަށް ވެފައިވަނީ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާކަމަށެވެ. އެމާއްދާގައި ބުނާ ގޮތަށް އެހައްގުގެ ބޭނުން ކުރުމަށް ފުރުސަތު ދިނުމަކީ އެއްވެސް ސަރުކާރަކަށް ކުރަން ފަސޭހަވި ކަމެއް ނޫންކަމަށް މުހުތާޒު ވިދާޅުވިއެވެ.
ފެހި ގާނޫނު އަސާސީއަށް އަމަލުކުރަންފެށިފަހުން ވެރިކަންކުރި ހުރިހާ ސަރުކާރަކުންވެސް ގާނޫނު އަސާސީގެ 32 ވަނަ މާއްދާ ދެކެ އިންތިހާއަށް ބިރުގަނޭ. ގައުމީ މަސްލަހަތަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ސުލްހަވެރިކަމާއި ކެތްތެރިކަން އަދި ގާނޫނީ ބާރުވެރިކަން އިސްކުރުން ބުއްދިވެރި.
– މުހުތާޒު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށެވެ.
މާދަމާގެ ހަރަކާތް ނުބޭއްވޭނެކަމަށް ފުލުހުން ބުނިނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިހަރަކާތް އޮންނާނެކަމަށެވެ. އަދި މިއީ ވަރަށް ސުލްހަވެރިކަމާއިއެކު ހިންގާ ސުލްހަވެރި ހަރަކާތެއްކަމަށެވެ. އިދިކޮޅުން ވަނީ މިހަރަކާތުގައި ހަމަނުޖެހުން ހިންގާކަމަށް ފާހަގަވާ މީހުން ތިބިނަމަ މިހާރުވެސް ހައްޔަރަށް ގެންދިއުމަށް އެދިފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދީފައިވާކަމަށެވެ. އެހައްގަށް ހުރަސް އެޅުމަކީ ޤާނޫނީ އިމުން ބޭރުން ފުލުނުން ހިންގާ ކަމެއްކަމަށާއި، ފުލުހުން ދިވެހި ރައްޔިތުންނަށް އަނިޔާވެރި ނުވާނެކަމަށް އުންމީދުކުރާކަމަށެވެ.