އެޗްޑީސީން "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނެއް

އެޗްޑީސީން "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "އެއްގެއިން އަނެއްގެއަށް" ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕެއިނަކީ "ވޯލްޑް ރިސައިކްލިންގ ޑޭ" އާއި ގުޅުވައިގެން އެއްފަހަރު ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަފަހަރު އެ ތަކެތި ބޭނުންކުރުމަށް ބާރުއެޅުމުގެގޮތުން އެޗް.ޑީ.ސީން ކުރިއަށްގެންދާ ކެމްޕޭނެކެވެ.

ރޯދަމަހާއި ގުޅިގެން ގޭތެރެ ޒީނަތްތެރި ކުރުމަށް ގޭގައި ބޭނުންކުރާ ފަރުނީޗަރުފަދަ ތަކެތި ބަދަލުކުރުމަކީ ޒަމާނުއްސުރެ ދިވެހީންގެ އާދަކާދައިގެ ތެރޭގައިވާކަމެއްކަމުން، މި ކެމްޕެއިން މެދުވެރިކޮށް، ބޭނުންކުރެވޭ ހާލަތުގައި ހުރި މިފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އެގޮތުން، ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެގޮތުން މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 އިން ފެށިގެން މިމަހުގެ 26 ވާ ހޮނިހިރު ދުވަހުގެ މެންދުރު 2 ގެ ނިޔަލަށް ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަޙައްދުގައި ގޭގެއިން ގެނެވޭ ތަކެތި ބެހެއްޓުމާއި އަދި އެތަކެތި ބަލާ އަންނަ ފަރާތްތަކަށް ހަވާލުކުރުމުގެ އިންތިޒާމް އެޗް.ޑީ.ސީން ވަނީ ހަމަޖައްސާފައެވެ.

މި ކެމްޕޭންގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގެއާއި ގޭތެރޭގައި ބޭނުންކުރެވޭ ތަކެއްޗެވެ. އަދި ރުއްގަނޑު ސަރަހައްދަށް މި ތަކެތި ގެނައުމާއި، އަނބުރާ ގެންދިއުމުގެ އިންތިޒާމް އެފަރާތަކުން ހަމަޖައްސަންވާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. މީގެއިތުރުން، ކާބޯތަކެތި ނުވަތަ ކުނިވާ ބާވަތުގެ ތަކެތި ގެނައުމާއި މި ތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މި އިވެންޓް ތެރެއިން ހިންގުން އެޗް.ޑީ.ސީން ވަނީ މަނާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *