އާދަމް ނަސީރު ނިޔާވެފައިވަނީ ލ.ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ މެނޭޖްމެންޓްގެ ފަރުވާކުޑަކަމުގެ އިޙުމާލުންކަމަށް ޢާއިލާއިން ދެކޭތީ އާދަމް ނަސީރުގެ މަރުގެ މައްސަލައަށް އިންސާފު ހޯއްދަވައި ދެއްވުމަށް ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދ.ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުއެވެ. އާމިރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނި ދ.ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ކާޕެންޓަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ، ދ.މާއެނބޫދޫ ދިލްބަހާރުގެ އާދަމް ނަސީރު ބަލިވެގެން ރިސޯޓުން އެކަށީގެންވާ ފަރުވާއެއް ލިބެންނެތި އޭނާގެ ބަލި ޙާލަތު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާތީ، އެކަށީގެންވާ ފަރުވާއެއް ހޯދުމަށް އެ ރިސޯޓުން ފުރައިގެން ދިއުމުގެ ހުއްދައަކަށްއެދި އެތައް އާދޭހެއް ކުރި އިރުވެސް އެ ރިސޯރުގެ އިޖާބަނުދީ އަޅާލުން ކުޑަކުރުމުގެ ސަބަބުން، އޭނާގެ ބަލިޙާލަތު އިތުރަށް ގޯސްވެ، މާބޮޑައް ޙާލަތު ދެރަވެގެން، 30 އޮކްޓޫބަރު 2020 ވީ ހުކުރު ދުވަހުގެ ރޭ ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ގާތްގަނޑަކަށް 4 ގަޑިއެއްހާއިރު ތެރޭގައި އޭނާ ވަނީ ނިޔާވެފައިކަމަށެވެ.
އާދަމް ނަސީރުގެ މަރާ ގުޅިގެން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން، އާދަމް ނަސީރުގެ ބަލި ހާލަތު ބޮޑުވަމުން އަންނާތީ ދ.ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ މެނޭޖްމަންޓްގެ ސަމާލުކަމަށް އެކަން ގެނެވި، ތަފާތު އެކި ގޮތްގޮތައް މަސައްކަތްކޮށްފައިވާ ކަމަށް އޭނައާ އެއްކޮޓަރީގައި ނިދާ މީހުންގެ ފަރާތުންވެސް ޢާއިލާއަށް މަޢުލޫމާތު ލިބިފައި ވާކަމަށެވެ.
އަދި އާދަމް ނަސީރުގެ ދުލުން ކޯވިޑް19އަށް ޝައްކު ކުރެވޭ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކާތަކެތީގެ ރަހަނުލުމާއި، ވަސްނުދުވާ ވާހަކަ އެތައްފަހަރަކު ބުނެފައިވާކަން އޭނައާ އެކުގައި ވަޒީފާ އަދާކުރަމުންދިޔަ މީހުންގެ ބަހުން އެނގެން އޮތްހިނދު، އާދަމް ނަސީރުގެ ސާމްޕަލްއެއް ނަގައި، ކޯވިޑް19 އަށް ޓެސްޓުކޮށްދިނުމުގެ އެއްވެސް ކަމެއް އެ ރިސޯޓްގެ މެނޭޖްމެންޓްގެ ފަރާތުން ކޮށްދެއްވާފައިނުވާ ކަމަށާއި، ނަމަވެސް އާދަމް ނަސީރު ނިޔާވެ ޖަނާޒާވެސް ނިމުނުފަހުން، އާދަމް ނަސީރު ކޯވިޑް19އަށް ޕިސިޓިވް ވެފައިވާކަން ދ.އަތޮޅު ހޮސްޕިޓަލުން ރިޕޯޓުކޮށްފައިވާކަމަށެވެ. އާމިރު ހުށަހެޅުއްވި މިމައްސަލަ މަޖިލީހަށް މިއަދު ހުށަހެޅި ނަމަވެސް މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ބަޖެޓް ހުށަހަޅާ ދުވަހު ކުއްލި މައްސަލަ ހުށަހެޅުވުމަށް ޖާގަ ނުދެއެވެ. އެހެން ވުމުން މިމައްސަލަ މާދަމާ ހުށަހަޅާގޮތަށް ވަނީ އެޖެންޑާކޮށްފައެވެ.
އެންމެފަހުން އެޗްއީއޯސީން އާއްމުކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް 60 ވުރެ ގިނަ މީހުން އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ