އަލަށް އެކުލަވާލި ޤައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

އަލަށް އެކުލަވާލި ޤައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

Author
މުޙައްމަދު ޖިމީ
20 މާރޗް 2022 12:44
0

އަލަށް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީގެކުރިން އޮތް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިނާމު ކޮމިޓީއަށް އަލަށް ހަމަޖެއްސެވި ބޭފުޅުން ހަމަޖެއްސެވުމުގައި، އެކި ރޮނގުތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް އިސްކަންދެއްވި ކަމުގައި ވިދާޅުވިއެވެ. އަދި ކޮމިޓީގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ވީހާވެސް ހަމަހަމަކަމާއެކު ކުރިއަށް ގެންގޮސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ މުޖުތަމަޢަށް ނަމޫނާ ބޭފުޅުންނަށް ވާންޖެހޭނެތީ، މިކަމަށް އިސްކަން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކޮމިޓީގެ ޗެއަރޕަރސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާގުޅިގެން އެ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން އެކުލަވައިލައްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.