ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގައި ބަލާނީ މައިގަނޑު ހަތަރު ޝަރުތަކަށް ކަމަށާއި ގެދޮރު ނެތް މާލޭ ރައްޔިތެއް ކަމުގައި ވީނަމަވެސް ގޯތި ދޫކުރާނީ ދިރިއުޅުމުގެ ހާލަތާއި އުމުރު ބަލާފައި ގެދޮރު އިމާރާތް ކުރުމުގެ ފެންވަރު ހުރި މީހުންނަށް ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް މާ ބޮޑެތި ޝަރުތުތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.
މާބޮޑެތި ކްރައިޓީރިއާތަކެއް ހުރި ކަމެއް ނޫން ކަމަކީއެއް. އޮތީ ހަތަރު ކަމެއް މިހައިތަނަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި.
– އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި 4 ޝަރުތު:
● މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުން
● އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުން. އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުން.
● ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ.
● މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ
ގޯތި ދޫކުރާއިރު އުމުރާއި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ވަކިވަރަކަށްވުރެ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށް ގޯތި ދިނަސް، އެތަނުގައި ގެއެއް އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދުން ފަދަ ކަންތައްތަކުގައި ދަތިތަކެއް ހުންނާނެ ބަޔަކަށް ވާތީ ކަމަށް ވެސް މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވިއެވެ.
ރަށްރަށުން މާލެ އަށް ހިޖުރަ ކުރުމަށް ފަހު، ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ދަރިން ލިބިފައިވާ ކަމަށާއި އެގޮތަށް ދަފްތަރަށް އުފަން މީހުން ވެސް ކުރިމަތިލެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ކްރައިޓީރިއާގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. މިހާރު ނުނިމި އޮތީ ހަމައެކަނި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާނެ ގޮތް ކަނޑައެޅުމުގެ ބައި އެކަނި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވަމުން މިދިޔަ މަހުގެ 3 ގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކާ އެތަނުން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޫކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ