ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ އުވާލައިފި

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ އުވާލައިފި

ކޯވިޑް-19އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުއުވާލައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ 2020ވަނަ އަހަރުގެ މާޗު މަހުގެ 12ގައެވެ. އެ ފަހަރު އެ މުއްދަތު އިޢުލާނުކޮށްފައިވަނީ 30 ދުވަހަށެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކު ވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައެވެ. އެމަނިކުފާނު ވިދާޅުވީ، ޞިއްޚީ ދާއިރާގެ ބޭފުޅުންގެ ލަފާގެ މަތީން މިއަދުން ފެށިގެން ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި ވާކަމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ކޯވިޑްގެ ވަބާއީ ޙާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ، ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި، މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޯވިޑް-19އާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ޙާލަތު ބަލަހައްޓަމުން ގެންދިޔުމަށް. އެހެންކަމުން، ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިޢުލާނު ކުރަމުން އައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ޞިއްޙީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން.

– ރައީސް ވިދާޅުވިއެވެ.

ކޯވިޑާއެކު މި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކަކާއި އުނދަގޫތައް ތަޙައްމަލް ކުރެވިފައިވާކަމަށާއި، ކޯވިޑުގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އެންމެ ޢާއިލާއެއްވެސް ރާއްޖޭގައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ކޯވިޑް ބަލީގެ ނުސީދާ އުނދަގޫތައް ތަޙައްމަލްކުރާ އެތައް ބަޔަކު މިހާރުވެސް އެބަތިބިކަމަށާއި، މި ބަލީގައި ރާއްޖެއިން މިހާތަނަށް 297 މީހުން މި ދުނިޔެ ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެ ހުރިހާ އެންމެންނަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި ކޯވިޑް ބަލީގެ ވޭން ތަޙައްމަލް ކުރަމުންދާ ހުރިހާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ކޯވިޑުގެ ޙާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުންދާނެކަމަށެވެ. ރާއްޖޭގައި ފެތުރެނީ ކޯވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއްވެސް މިހާރުވަނީ ރާއްޖޭގައި ޤާއިމުކޮށްފައިކަމަށެވެ. އެ ބަދަލުތައް ދެނެގަނެ، ޙާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *