ރާއްޖެއަށް މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތައް ހޯއްދަވައި މައުލޫމާތު އެއްކުރައްވާފައިވާ ކަމަށާއި މީގެ ކުރިން ޗާޓަރޑް އެކައުންޓެންޓުން އުފެއްދުމަށް މިހާ ބައިވަރު ސްކޮލަރޝިޕްތަކެއް އެއްވެސް ސަރުކާރަކުން ދީފައި ނޯންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
150 ޗާރޓަރޑް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލަރޝިޕްއަށް ހޮވުނު ފަރާތްތައް އިޢުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޗާޓަރޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ހުޅުވާލި ފުރުސަތުގައި 493 އެޕްލިކޭޝަން ލިބިލެއްވި ކަމަށެވެ. އަދި އެ އެޕްލިކޭޝަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާ ފުރިހަމައަށް ނިންމާލެވުނީ އޮޑިޓަރ ޖެނެރަލްގެ ބޭފުޅުންނާއި ޗާޓަރޑް އިންސްޓިއުޓްގެ ފަންނީ އެހީތެރިކަމާއި ލަފާ ލިބިގެން ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރ ވަނީ އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއަށް ޝުކުރު ދަންނަވާފައެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވަޑައިގެންނެވީތީ އޭނާއަށް ވެސް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފަ އެވެ. މިނިސްޓަރ ވިދާޅުވީ ހަސަން ޒިޔާތަކީ ޗާޓަރޑް އިންސްޓިޓިއުޓްގެ ފުރަތަމަ ރައީސްގެ މަގާމުގައި ހުންވައިގެން އެކައުންޓިން ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެދާއިރާއަށް ފަންނީ ޒުވާނުން އިތުރުކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އަމިއްލައަށް އިސްނަންގަވައިގެން މިނިސްޓްރީއަށް ވަޑައިގެން އެކައުންޓިން ދާއިރާއަށް ގިނަގުނަ މަސައްކަތް ކުރެއްވި ކަމަށެވެ. ހަސަން ޒިޔާތުގެ މަސައްކަތްޕުޅުން ސަރުކާރުގެ ސަމާލުކަމަށް ގެނެވުނު ކަމަށެވެ.
މިނިސްޓަރ ވަނީ ސްކޮލަރޝިޕްގެ ހައްގުވެރިންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ހީވާގިކަމާއެކު މަސައްކަތް ކޮށް ޗާޓަރޑް އެކައުންޓެންޓެއްގެ ގޮތުގައި ޚިދުމަތް ކުރާ ދުވަސް އެއީ އެމަނިކުފާނު އެންމެ ދެކިލައްވަން ބޭނުންފުޅުވާ ދުވަސް ކަމަށް ވިދާޅުވި އެވެ.
ޗާޓަރޑް އެކައުންޓެންޓުންގެ ގޮތުގައި ގިނައީ ބިދޭސީން ކަމަށްވާތީ ރާއްޖެއިން ބޭރަށްދާ ފައިސާ ހުއްޓުވުމަށްޓަކައި. އަޅުގަނޑު ގަބޫލުކުރަނީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް ކުރާނެ ކަމަށް. ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާ ވެގެން ދިއުމަކީ ވެސް އަޅުގަނޑުމެން ކުރާ އެއް ފޮނި އުއްމީދު.
– މިނިސްޓަރ ވިދާޅުވިއެވެ.
ސްކޮލަޝިޕް ތިބި ދަރިވަރުންނާއި މުޚާތަބުކޮށް ހަފްލާ ޝަރަފުވެރިކޮށްދެއްވާ ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވިދާޅުވީ މިއަދަކީ ވަރަށް ގިނަ ދުވަސްވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވި ދުވަސް ކަމަށެވެ. އެކަމަށްތަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މިނިސްޓަރަށް ޝުކުރު ދަންނަވާކަމަށް ހަސަން ޒިޔާތު ވިދާޅުވި އެވެ.
މިއަދާއި ހަމައަށް ޕްރޮފެޝަންގެ ބޭފުޅުންނާއި ވަރަށް ގުޅިގެން ވަރަށް ގާތްކޮށް މިނިސްޓަރ މަސައްކަތް ކޮށްދެއްވީ. އެކަމުގެ ހަގީގީ ކުލަ އަޅުގަނޑު ދަންނަވާނީ ސްކޮލަރޝިޕްގެ ފުރުސަތު ވަރަށްގިނަ ފަރާތްތަކަށް ފަހިވެގެން ދިޔައީ.
– ހަސަން ޒިޔާތު ވިދާޅުވިއެވެ.
ޗާޓަރަޑް އެކައުންޓަކީ ކިޔަވަން ވަރަށް އުނދަނގޫ އެއްޗެއްކަމަށާއި މި ލިބޭ ފުރުސަތުގައި ކޮލިފިކޭޝަން ހޯދޭނެކަން ސަރުކާރަށް ދެއްކުމަށް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ޒިޔާތު ނަސޭހަތްތެރިވެވަޑައިގަތެވެ.
މިރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީވަނީ ޗާޓަރޑް އެކައުންޓެންޓުން ތަމްރީނު ކުރެއްވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ސަރުކާރަށާއި މިނިސްޓަރަށް ޝުކުރު ދަންނަވާފައެވެ. 150 ސްކޮލަރޝިޕަކީ ފެށުމެއް ކަމަށާއި މީގެ ނަތީޖާ ރާއްޖޭގައި ފެނިގެން ދާނެކަމަށް ނިޔާޒީ ވިދާޅުވިއެވެ.
ރާއްޖޭގެ ޕަބްލިކް ސެކްޓަރ އަކީ އެކައުންޓެންޓުން ނުހަނު ބޭނުންވެފައި އޮތް ސެކްޓަރ އެއް. 30 މިލިއަންގެ ބަޖެޓެއް އަޅުގަނޑުމެން މެނޭޖް ކުރާއިރު 200 އެތަށް ރަށެއްގައި 1500 އެއްހާ ދައުލަތުގެ އިދާރާތައް ވަކި ވަކި ބަޖެޓް ބޭނުންކޮށްގެން އެބަ މެނޭޖު ކުރަން.
– ނިޔާޒީ ވިދާޅުވި އެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ތަމްރީނުގެ މުއްދަތުގައި ތިރީގައިވާ ޚަރަދުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
– ރަޖިސްޓަރީ ކުރުމުގެ ފީ
– އެނުއަލް ސަބްސްކްރިޕްޝަން ފީ
– އެގްޒެމްޕްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޕްޝަން ފީ
– އެގްޒޭމް ފީ
– ކަނޑައެޅިފައިވާ ރޭޓުން ބުކް އެލަވަންސް
– ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީ ތަކުން ކިޔަވާނަމަ ޓިއުޝަން ފީ
– މަރުކަޒަކަށް ހާޒިރުނުވެ އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައިވާ ހުރިހާ ޚަރަދެއް
– މިޕްރޮގްރާމްގައި ކިޔަވާ ފަރާތްތައް 2 އަހަރުގެ މުއްދަތަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
ސަރުކާރުގެ ޚަރަދުގައި 150 ޗާރޓަރޑް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލާފައިވަނީ ACCA ގެޕްރޮފެޝަނަލް ލެވެލްއަށް އަދި CIMA އިން ލެވެލް އަށެވެ.
މިޕްރޮގްރާމްގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ އެކައުންޓަންޓުންގެ ގޮތުގައި ދިވެހިޒުވާނުން ވީހާވެސް އަވަހަކަށް ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމެވެ. ގިނަ މޮޑިއުލްތަކުން އެގްޒެމްޕްޝަން ލިބޭފަރާތްތަކަށް އިސްކަންދީ އަދި މެރިޓް އުސޫލަށްވެސް ރިއާޔަތްކޮށްގެން ސްކޮލަރޝިޕްއެވޯޑްކުރުމަށް މި ސްކޮލަރޝިޕްތަކުގައި އިސްކަންދީފައިވާނެއެވެ.
ކޮމެންޓު ފޮނުވާ