ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ސުޕަރސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމަށްޓަކައި ޚާއްޞަ ސްކޮލަރޝިޕް ސްކީމެއް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ތައާރަފް ކޮށްފިއެވެ.
މިއީ، ސަރުކާރުގެ އޮފީސްތަކުގެ 3 އަހަރުދުވަހުގެ "ޓްރެއިނިންގ ނީޑްސް" ގައި ފާހަގަކުރެވިފައިވާ، ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކުގެ ތެރެއިން ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ސްކީމެކެވެ.
މިސްކޮލަރޝިޕްތައް ތައާރަފް ކުރައްވާ މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމަކީ މީހުން ބިނާކުރުން ކަމަށާއި ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދިގެން ކަމަށެވެ.
މި ސްކޮލަރޝިޕްތައް އުފެއްދެވި މައިގަނޑު ވިސްނުންފުޅަކީ އެއީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓު ޓްރެއިން ކުރައްވަން ނިންމެވީ އެ ޑޮކްޓަރުންގެ ޚިދުމަތް އެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ލިބެން ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ސަރުކާރަށް ގަބޫލު ކުރެއްވޭތީއެވެ.
ޑޮކްޓަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލާއި 6 ރީޖަނަލް ހޮސްޕިޓަލަކުން އެދިފައިވާ ދާއިރާތަކާއި ލެވެލްތަކަށެވެ. އެ 6 ރީޖަނަލް ހޮސްޕިޓަލަކީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ.ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ.ޢަބްދުޞަމަދް މެމޯރިއަލް ހޮސްޕިޓަލް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މ.މުލީ ރީޖަނަލް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 14 ދާއިރާއަކުން ތަމްރީނުކުރުމަށް އެދިފައިވެއެވެ.
އެ ދާއިރާތަކަކީ، އެނަސްތީސިއޮލޮޖީ، އިންޓާރނަލް މެޑިސިން، އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާރޖަރީ، ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، މެޑިކަލް އޮންކޮލޮޖީ، ޕީޑިއަޓްރިކް ނިއުރޮލޮޖީ، އޮޕްތަލްމޮލޮޖީ، ޑާރމަޓޮލޮޖީ، ނިއޯނޭޓޮލޮޖީ، ޕަލްމިނޮލޮޖީ، ނެފްރޮލޮޖީ، އެންޑްރޮކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް އަދި ގައިނޮކޮލޮޖީ އެވެ. މި ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ