މަޝްވަރާކޮށްގެން ޑްރައިވަރުންގެ ޑިމާންޑްތަކަށް ހައްލު ހޯދައިދޭން ލޭބަރ ޕާޓިން ގޮވާލައިފި

މަޝްވަރާކޮށްގެން ޑްރައިވަރުންގެ ޑިމާންޑްތަކަށް ހައްލު ހޯދައިދޭން ލޭބަރ ޕާޓިން ގޮވާލައިފި

Author
މުޙައްމަދު ޖިމީ
11 މާރޗް 2022 11:43
0

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލުކުރާ މޯލްޑިވްސް ލޭބަރ ޕާޓީ (އެމްއެލްޕީ)އިން ސަރުކާރަށް ގޮވާލައިފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އެދުނު ކަންކަމަށް ދީފައިވާ މުހުލަތު ހަމަވިއިރުވެސް، އިޖާބަ ނުދިމުން ޓެކްސީ ސެންޓަރުތަކުން އިއްޔެ ވަނީ އިހްތިޖާޖަށް ނުކުމެފައެވެ.

މިކަމާއި ގުޅިގެން ލޭބަރ ޕާޓިން ބުނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އެ ޑްރައިވަރުންނާއި މަޝްވަރާކޮށްގެން އެމީހުންގެ ޑިމާންޑްތަކަށް ހައްލު ހޯދައިދޭންޖެހޭކަމަށެވެ. ހަޅުތާލު ކުރަންޖެހުނީ މަޝްވަރާއަށް ޖާގަ ދީ ހައްލު ހޯދައި ނުދެވޭތީކަމަށްވެސް ލޭބަރ ޕާޓިން ބުންޏެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް ނުކުމެފައިވާ ދަނޑިވަޅެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކުރުމަށް ފަހު މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ނުދީ، ކުއްލިއަކަށް ޑްރައިވަރުން ދަތުރުތައް ހުއްޓާލައި، މުޒާހަރާއަށް ނިކުތުމުން މައްސަލަ ހައްލު ކުރާނެކަމަށް ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މާލެ އަދި ހުޅުމާލެ އެތެރޭގައި ޓެކްސީ ދަތުރެއް މީގެ ކުރިން 25ރ. އަށް ކުރި އިރު ޕެޓްރޯލް ލީޓަރެއް ލިބެނީ 8ރ. އަށެވެ. އެކަމަކު، މިހަފްތާގެ ކުރީކޮޅުން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60ރ. އަށް އުފުލިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.