ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް ނިކުތުމުން، މައްސަލަ ހައްލު ކުރަން އުޅޭކަމަށް ބުނެފި

ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް ނިކުތުމުން، މައްސަލަ ހައްލު ކުރަން އުޅޭކަމަށް ބުނެފި

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2022 06:35
0

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އެދުނު ކަންކަމަށް ދީފައިވާ މުހުލަތު ހަމަވިއިރުވެސް، އިޖާބަ ނުދިމުން ޓެކްސީ ސެންޓަރުތަކުން މިއަދު މުޒާހަރާ އަށް ނިކުމެއްޖެއެވެ.

ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތައް ހިމެނޭހެން ވަނީ ދަތުރު ތަކުގެ އަގުބޮޑު ކުރުމަށް މިއަދުގެ އޮފީސް ބަދު ކުރުމާއި ހަމައަށް މުުހުލަތު ދީފައެވެ. ނަމަވެސް މިކަމަށް އެއްވެސް ޖަވާބެއް ނުދިމުން ޓެކްސީ ތަކުން ވަނީ ދަތުރުތައް ހުއްޓާލައި މުޒާހަރާއަށް ނިކުމެފައެވެ. ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން މުޒާހަރާގައި ބައިވެރިވެފައިވާއިރު، މިފަހަރުގެ މުޒާހަރާއަކީ ހައްލެއް ނުލިބެނީސް ނިންމާލާނެ މުޒާހަރާއެއް ނޫންކަމަށް ޑްރައިވަރުން ދަނީ ބުނަމުންނެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް ނުކުމެފައިވާ ދަނޑިވަޅެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކުރުމަށް ފަހު މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ.

ނަމަވެސް މިއަދަކީ މިހަފްތާގެ އެންމެ ފަހު ދުވަހަށްވާއިރު، މިއަދު އެއްވެސް ޖަވާބެއް ނުދީ، ކުއްލިއަކަށް ޑްރައިވަރުން ދަތުރުތައް ހުއްޓާލައި، މުޒާހަރާއަށް ނިކުތުމުން މައްސަލަ ހައްލު ކުރާނެކަމަށް ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

ހުރިހާ ޓެކްސީ ސެންޓަރެއްގެ އާންމު ދަތުރުތައް ހުއްޓާލިޔަސް ކޮންމެ ސެންޓަރަކަށް ވެސް ދެ ޓެކްސީ ދުއްވުމުގެ ހުއްދަ ވަނީ ދީފައެވެ. އޭނާ ބުނީ އެއީ ހަމައެކަނި އިމަޖެންސީ ހާލަތްތަކުގައި ދުއްވާ ގޮތަށް އޮތް ޓެކްސީތަކެއް ކަމަށާއި އެ ޓެކްސީތަކުން ފައިސާ ނުނަގާނެ ކަމަށެވެ.

އަގަށް ބަދަލު ނުގެނެސްފިނަމަ ޓެކްސީ ދަތުރުތައް ހުއްޓާލަނީ

ޓެކްސީ ސެންޓަރުތަކާއި، ޑްރައިވަރުން މުޒާހަރާ ކުރަމުންދާއިރު ޓްރާސްޕޯޓް މިނިސްޓްރީން މިހަފްތާގައި ބުނެފައިވަނީ ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގު ނަގާނަމަ އެ ޓެކްސީއަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މާލެ އަދި ހުޅުމާލެ އެތެރޭގައި ޓެކްސީ ދަތުރެއް މީގެ ކުރިން 25ރ. އަށް ކުރި އިރު ޕެޓްރޯލް ލީޓަރެއް ލިބެނީ 8ރ. އަށެވެ. އެކަމަކު، މިހަފްތާގެ ކުރީކޮޅުން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60ރ. އަށް އުފުލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.