ރަށްރަށުގެ ބިންތަކުގެ މައްސަލަތަކުގައި، ކައުންސިލްތަކަށް، ކޯޓުތަކުގައި އަމިއްލައަށް ވަކާލާތު ކުރެވޭނެކަމަށް ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ސްޕްރީމް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އދ. ފެންފުށީ ބިމެއްގެ މައްސަލާގައި މީހަކު އެ ކައުންސިލާ ދެކޮޮޅަށް ދައުވާކުރި މައްސަލައެއްގައެވެ. މިމައްސަލަ ހައިކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި ވަކާލާތު ކުރެވޭނީ ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ކަމުގައެވެ.
މިމައްސަލާގައި މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ސްޕްރީމްކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އަތޮޅުތަކާއި ރަށްރަށް ހިންގުމުގެ އުސޫލަށް 2008 ގައި ތަސްދީގު ކުރެވުނު ފެހި ގާނޫނު އަސާސީން ވަރަށް ބޮޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަތޮޅުތަކާއި ރަށްރަށް ހިންގާނީ މައި ސަރުކާރާއި ވަކިން އޮންނަ އިންތީޚާބީ ކައުންސިލްތަކުން ކަމުގައެވެ.
އެހެންވެގެން ކައުންސިލްތަކުގެ އިހްތިސޯސްގައި ހިމެނޭ ބަންޑާރަ ބިންތަކާއި ގުޅޭ ގޮތުން ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކައުންސިލްތައް ތަމްސީލް ކުރާނީ އެ ކައުންސިލަކުން އަމިއްލައަށް ކަމަށެވެ. އޭގައި ގާނޫނީ ވަކީލުން ހަމަޖެއްސުމަކީ ވެސް އެ ކައުންސިލެއްގެ އަމިއްލަ ކަމެއް ކަމަށް ހުކުމުގައިވެއެވެ.
އަދި އެޓާނީ ޖެނެރަލަކީ ސަރުކާރުގެ އެންމެ އިސް ވަކީލު ކަމަށް ވިޔަސް އެޓާނީ ޖެނެރަލްގެ ފަރާތުން ކައުންސިލްތައް ތަމްސީލު ކުރަން ޖެހޭ ނަމަ އެކަމަކީ ކައުންސިލްތަކުގެ ބާރު ހަނިވެ މަސްލަހަތު ފުށުއަރާފާނެ ކަމަށް އެ ހުކުމުގައިވެއެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓު ހުކުމުގައި އެގޮތަށް ކަނޑައެޅީ ގާނޫނު އަސާސީ އާއި ލާ މަރުކަޒީ ގާނޫނާ ޚިލާފަށް ކަމަށްވާތީ ހުކުމުގެ އެ ބައި ބާތިލްކުރާ ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
ކޮމެންޓު ފޮނުވާ