މާލޭ ސަރަހައްދުގައި ޓެކްސީގެ އަގުތައް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ޓެކްސީ ސެންޓަރުތަކުން ނިންމައިފިއެވެ.
ޓެކްސީ ޑްރައިވަރުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރަން ނިންމީ ޓެކްސީ ސެންޓަރުތަކުގެ ވެރިން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުއެވެ. އަގު ބޮޑުކުރަން ނިންމީ ޓެކްސީ ދަތުރުތަކުގެ އަގުތަކާ މެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 14 ޓެކްސީ ސެންޓަރުގެ އިސްވެރިންގެ އިއްތިފާގުންނެވެ.
މި ބައްދަލުވުމުގައި ސެންޓަރުތަކުން ވަނީ ތަކެތީގެ އަގަށާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެކްސީގެ އަގު ވެސް ބޮޑު ކުރަން ޖެހޭ ކަމަށް ބުނެފައެވެ. ދަތުރުކޮށްދޭ އަގު ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ ސެންޓަރުތަކެއްގެ ވެސް އިއްތިފާގުންނެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތަށް ނިންމީ ތަކެތީގެ އަގުތަކަށާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށާއި ސެންޓަރުތަކަށް ގެއްލުން ވަމުންދާތީއެވެ.
ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތައް:
– މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް – 30 ރުފިޔާ
– ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް – 25 ރުފިޔާ
– ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް – 25 ރުފިޔާ
– ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް – 40 ރުފިޔާ
– ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް – 120 ރުފިޔާ
– މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް – 100 ރުފިޔާ
– އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް – 80 ރުފިޔާ
– އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް – 80 ރުފިޔާ
– ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
– މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
– ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް – 120 ރުފިޔާ
ރޭގަނޑު 12:00 އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށާއި ހަޔާކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ޓެކްސީ ސެންޓަރުތަކުން ނިންމާފައިވަނީ އަގުތައް ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު އަގު ކަނޑައަޅައި، އެ އަގަށް ދަތުރުކުރުމަށެވެ.
ކޮމެންޓު ފޮނުވާ