އެމްޑީޕީގެ އަސާސީ ގަވާއިދާއި އިންތިޚާބީ ރިވެތި އުސޫލްތަކާއި ހަމަތަކުގެ މަތިން ކެންޕެއިންކޮށް، ނާތަހުޒީބު އަމަލުތަކާއި ދުރުވެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ އަންހެނުންގެ ރޫޚުގެ ރައީސްކަމަށް ވާދަކުރައްވާ ޞަފާތު އަޙްމަދު ޒާހިރުގެ ކެންޕެއިން ޓީމުން އިލްތިމާސްކޮށްފިއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯއަކާއި ގުޅިގެން ޞަފާތުގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ ބަޔަކު މީހުން ރާވައިގެން އެމީހުންގެ ކެންޕެއިންނަށް މަންފާތަކެއް ހޯދުމަށްޓަކައި ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ.
މިއީ ޞަފާތުގެ އަގުވައްޓާލުމަށާއި އަބުރު ކަތިލުމަށް ހިންގާ ސާފު ޖަރީމާއެއްކަމަށް ވަނީ ބުނެފައެވެ. އަދި މިފަދަ މޭރުމުން ޞަފާތުގެ އިންތިޙާބީ ހައްގުތައް ނިގުޅައިގަންނަން ކުރެވޭ ހުރިހާ އަމަލުތަކަށް އަޅުގަނޑު ގާނޫނީ ފިޔަވަޅު ހިޔާރުކުރަން ޖެހިއްޖެ ހާލަތެއް އެހިސާބަށް މެދުވެރިވެއްޖެނަމަ އެކަމަށް ފަސްނުޖެހޭނެ ވާހަކަ ވަނީ ބުނެފައެވެ.
އިންސާނީ ވަންތަކަމަށް ހުރުމަތްތެރިކޮށް ހިތުމާއި އިންސާނީ ކަރާމާތް ދެމެހެއްޓުމަކީ ނިހާޔަތައް ގަބޫލުކުރާ އަދި ލޯބިކުރާ އަޙްލާގީ މިންގަނޑުތަކެއް. އަދި އަޅުގަނޑު ދަންނަ އެތައް ހާސް އެމް.ޑީ.ޕީގެ މެންބަރުން، ވަކިން ޙާއްސަކޮށް އަންހެން މެންބަރުން، އެބޭފުޅުން ހިތުގެ އެންމެ ފުންމިނުން ޔަގީން ކަށަވަރު ކުރާނެ، އަޅުގަނޑު އެފަދަ ކަމެއްގައި ދުވަހަކުވެސް ބައިވެރިއެއް ނުވާނެ. އަޅުގަނޑުގެ އިލްތިމާސް އަކީ އަޅުގަނޑުގެ ވާދަވެރި ފަރާތްތަކުންވެސް ޕާޓީގެ އަސާސީ ގަވާއިދާއި އިންތިހާބީ ރިވެތި އުސޫލްތަކާއި ހަމަތަކުގެ މަތިން ކެންޕެއިންކޮށް، ނާތަހުޒީބު އަމަލުތަކާއި ދުރުވެ ހުރެ ކެންޕެއިން ކުރިއަށް ގެންދިއުން.
– ސަފާތުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައި ބުނެފައެވެ.
އަންހެނުންނަށް ފުރައްސާރަކުރުމާއި އަންހެނުންނަށް އަމާޒު ކުރެވޭ މިފަދަ އެއްވެސް އަމަލުތަކަކީ އަޅުގަނޑު އިންތިހާޔަށް ނަފްރަތުކުރާ އަދި އަޅުގަނޑުގެ ޝަމީރު ގަބޫލުކުރާ ކަންތަތްތަކެއް ނޫން ކަމަށާއި، މިފޮޓޯ އަމިއްލަޔަށް ހަދައިގެން، މިއީ އަޅުގަނޑާއި ގުޅުންހުރި ފޮޓޯއެއް ކަމުގައި ދައްކައިގެން ފަތުރާ މަޢުލޫމާތަކީ ރޯބުހުތާނު ދޮގު މަޢުލޫމާތުކަމާއި، މިއީ ފިތުނަ ފަސާދަ އުފެއްދުމަށާއި އަޅުގަނޑަށް ލިބިފައިވާ ލޮތްބާއި އިޙްތިރާމް ގެއްލުވާލުމަށް ބަޔަކު ގަސްތުގައި ރާވައިގެން ފަތުރާ ދޮގު ވާހަކަތަކެއް ކަމުގައި ވަނީ ބުނެފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަން ފޯރިގަދަވެ، ކެނޑިޑޭޓުންނަށް ތާއީދުކުރާ ސަޕޯޓަރުންގެ މެދުގައި އިންތިޚާބީ ހައްގުތަކަށް އަރައި ގަތުމާއި، ކެމްޕެއިންގައި ކުރުން މަނާ ކަންކަން ކުރަމުންދާކަން ދެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންވެސް ދަނީ ފާހަގަ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ