ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމަށް 4 ކުންފުންޏަކުން ޝަޢުޤުވެރިކަން ފާޅުކޮށްފި

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމަށް 4 ކުންފުންޏަކުން ޝަޢުޤުވެރިކަން ފާޅުކޮށްފި

Author
މުޙައްމަދު ޖިމީ
03 މާރޗް 2022 08:37
0

ހދ. ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްގީކުރަން 4 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެއާޕޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާއިރު އެ ފުރުސަތުގައި ހަތަރު ކުންފުންޏަކުން ބީލަން ހުށަހެޅި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް އެއީ ކޮން ކުންފުނިތަކެއްކަމެއް ނުބުނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބިޑް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ޝޯޓްލިސްޓްކޮށްފައިވާ ފަރާތްތަކަށެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. މިއާއެކު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިނާރާ ސަރަޙައްދުތަކަށް އެ ސިނާޢަތް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެވެ. އެގޮތުން ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ މުހިއްމު މަޝްރޫޢެކެވެ. މިމަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓް ހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫޢެކެވެ. މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫންވެސް ތަފާތު އެކި ސިނާޢަތްތައް ތަރައްޤީކޮށް، އުތުރުގެ އިޤްތިޞާދު ފުޅާކުރުމަށް މިމަޝްރޫޢު މުހިއްމު ދައުރެއް އަދާކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.