ޖުޑިޝަލް ސާވިސް ކޮމިޝަން ހިސޯރުކޮށް، އިންސާފުގެ ނަމުގައި މުޅި ޖުޑިޝަރީ ހަރާބު ކޮށްފައިވާކަމަށް މިސަރުކާރުގެ ފުރަތަމަ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ދާއިރާގެ ކަންކަން މިއަދު ހިނގަމުންދާ ގޮތާއި، ވަކި މީހަކަށް އަމާޒުކޮށްގެން ޝަރީއަތްތައް ހިންގަމުންދާތީ އެކަން ކުއްވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ. އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް ކުރަމުންދާ ބާތިލް ދައުވާތައް މިހާރުން މިހާރަށް ކޯޓުތަކުން ބޭރުކޮށް، އެމަނިކުފާނަށް އިންސާފު ލިބެންޖެހޭކަމަށެވެ.
ކޯޓުތަކުގެ ކަންކަން ބަލަމުންދާ ޖުޑިޝަލް ސާވިސް ކޮމިޝަންނުން މިއަދު ފެނިގެންދަނީ މުޅި ޖުޑިޝަރީ ހިސޯރުކޮށްފައިވާތަން ކަމަށާއި، ފަނޑިޔާރުންނަކީ ޖޭއެސްސީން ހަލުވާ ދިޔާ ހަކުރު ގަނޑަކަށް ހަދާފއިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް މިހެން ތާއަބަދަކު ކަން ކުރަން މިވެރިކަން ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު އިންސާފުނެ ނަމުގައި އައި މީހުން މުޅި ފަނޑިޔާރުގެ ޚަރާބު ކޮށްފައިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ރައީސް ޔާމީނަށްކުރާ ބޭއިންސާފު ހުރިހާ ދަޢުވާތަކެއް ކޯޓުތަކުން ބޭރުކުރަންޖެހޭ. ޖޭ.އެސް.ސީ ހިސޯރުކޮށްގެން ސިޔާސީ ބައިގަނޑަކުން ހަލުވާ ދިޔާ ހަކުރު ގަނޑަކަށް ފަނޑިޔާރުގެ ހަދައިގެން ބޭނުންހާ އެއްޗެއް ނުހެދޭނެ. އިންސާފުގެ ނަމުގައި މުޅިފަނޑިޔާރުގެ ހަރާބުކޮށްފި. މިވެރިކަން އަބަދަކު ނޯންނާނެ.
– އަލީ ވަހީދު ވިދާޅުވިއެވެ.
ޖިންސީ ގޯނާގެ މައްސަލައިގެ ޝަރީއަތަށް ކޯޓުގައި ފަށާފައިވާ އަލީ ވަހީދު މިހާރު ހުންނެވި އިނގިރޭސި ވިލާތުގައެވެ. އަލީ ވަހީދުގެ ރާއްޖެއަށް ވަޑައިގެންފައި ނުވާތީ އެނާގެ މައްސަލަ ކުރިއަށް ނުގެންދެވެއެވެ. މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.
މިމައްސަލާގައި އަލީ ވަހީދު ޖާމިނު ކުރި އަޑުބަރޭ ވަނީ 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. އޭނާ މިހާރު ގެންދަނީ މިހުކުމް ތަންފީޒު ކުރަމުންނެވެ. އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކޮށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އޭނާ ގެންދަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގިނަ ކަންތައްތަކެއްގެ ހަގީގަތް ހާމަކުރަމުންނެވެ.
ކޮމެންޓު ފޮނުވާ