ރައީސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަމަށްބުނެ އެމްޑީޕީން ކުއްލި މައްސަލައެއް

ރައީސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަމަށްބުނެ އެމްޑީޕީން ކުއްލި މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2022 09:31
0

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެވެ. މިމައްސަލަ ހުށަހެޅީ ރ. ދުވާފަރުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަރަށް އިސް ބޭފުޅެއް ކަމަށްވާ އާމިރު އަހުމަދު ހުންނެވި ސިޔާސީ މަގާމަކުން ވަކި ކުރައްވައިގެނެވެ. ސަރުކާރުގެ މަގާމުތަކުގައި އަދިވެސް ނަޝީދުގެ ފެކްޝަންގެ ބައެއް ބޭފުޅުން އެބަ ތިއްބެވިއެވެ.

ވައްޑެ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ބާރުތަކަކީ 117 ވަނަ މާއްދާއާއި 120 ވަނަ މާއްދާގެ ދަށުން، ތަފާތު ނުކުރުމުގެ ހަމަތަކުގެ މަތިން ބޭނުން ކުރައްވަން ޖެހޭނެ ބާރުތަކެއް ކަމަށެވެ.

ވެރިކަން ކުރާ ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިޚާބަކާއި ދިމާކޮށް އެ ޕާޓީގެ ސްލޮޓްގައި ސިޔާސީ މަގާމުތަކާއި އާންމު ވަޒީފާތަކުގައި ވެސް ތިބި ވަޔަކު ވަޒީފާއިން ވަކި ކުރުމާއި، ވަކި ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމަކީ މި ހަމަހަމަކަން އޮތް ކަމާއި މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ބޭނުން ރައީސް ޞާލިހު ކުރައްވަމުން ގެންދަވަނީ ވަރަށް ސިޔާސީ ގޮތަކަށް ކަމުގައެވެ. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތް ހިންގުމުގެ ބޮޑެތި ބާރުތަކެއް ލިބިދީފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު މިބާރުތަކުގެ ބޭނުން ކުރަމުންދަނީ ސިޔާސީ ގޮތަކަށް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ މި ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް. ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް، ޕާޓީން މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން، ނުވާނެ. ވަކި ކުރަނީނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބި އެމްޑީޕީގެ މެމްބަރުންނަށާއި، ސިޔާސީ މަޤާމުތައް ފުރުއްވާ އެމްޑީޕީގެ ބޭފުޅުންނަށް ވަކި ގޮތަކަށް ތާއީދު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ވަގުތެއްގައެވެ.

މިއިންތިޚާބުގައި ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ މިނިސްޓަރ ފައްޔާޒު އިސްލާއި، އިމްތިޔާޒު ފަހުމީގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމަކީ ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއިންތިޚާބަކީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއް ސާފުވެގެންދާނެ އިންތިޚާބެއްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.