ސަރުކާރުގެ އެކި ސިޔާސީ މަޤާމުތަކުގައި ތިބި އެމްޑީޕީގެ މެމްބަރުންނަށް ވަޒީފާގެ ބިރު ނުދައްކައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިންތިގެ ތަރުޖަމާން މުހައްްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ގެ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ ކެމްޕެއިން ކުރަންވާނީ އެންމެނަނަށްވެސް ހަމަހަމަ ފުރުސަތު ލިބިދޭހެން މިނިވަން ކަމާއިއެކުގައި ކަމަށެވެ.
ކެމްޕެއިން ހަރަކާތްތައް ފެށުނު ފަހުން ސަރުކާރުގެ ބައެއް ސިޔާސީ މަޤާމުތަކުގައި ތިބި އެމްޑީޕީގެ އިންތިއަށް ތާއީދު ކުރާ ބޭފުޅުން ވަޒީފާއިން ވަކި ކުރާކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ ޕާޓީ ތެރޭގައި ކުރެވޭ މިފަދަ ވާދަވެރި ކެމްޕެއިނެއްގައި އެމީހަކު ބޭނުންވާ ކެނޑިޑޭޓަކު އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނަން ވާނެކަމަށެވެ. އަދި އެފުރުސަތު ދީގެން ހަމަހަމަ ކެމްޕެއިނެއް ކުރުމަކީ ލިބެންޖެހޭ ފުރުސަތެއްކަމަށް ވެއްޑެ ވިދާޅުވިއެވެ.
ރ. ދުވާފަރުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަރަށް އިސް ބޭފުޅެއް ކަމަށްވާ އާމިރު އަހުމަދު ހުންނެވި ސިޔާސީ މަގާމަކުން ވަކިކުރައްވާފައިވާކަން ވެސް ވައްޑެ ފާހަގަ ކުރެއްވިއެވެ. އަދި އެ ކަން އޭނާ ކުށްވެރި ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ވަކިވަކި ވަޒީފާތަކުގައި ތިބި މީހުންނަށް ވަޒީފާގެ ބިރު ދައްކައި ވަޒީފާއިން ވަކި ކުރާ މައްސަލަ ރައީސުލްޖުމްހޫރިއްޔާއާއި ހަމައަށްވެސް ގެންދާނެކަމަށެވެ. މިކަމަކީ މީހުންގެ ޒާތީ ދިރިއުޅުމާއި ގުޅުންހުރި ކަންކަމަށްވާއިރު، ހިންހަމަ ނުޖެހޭ ކޮންމެ ފަހަރަކު ވަޒީފާއިން މީހާ ވަކިކުރުމަކީ ހައްލެއް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިހެން ވިދާޅުވިއިރު ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިބި އެމްޑީޕީގެ ބައެއް ބޭފުޅުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމުގެ ތުހުމާއިއެކު ރައީސް ޞާލިހުވެސް އިންނަވާ ވަޓްސް އަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ބޭނުން ރައީސް ޞާލިހު ކުރައްވަމުން ގެންދަވަނީ ވަރަށް ސިޔާސީ ގޮތަކަށް ކަމުގައެވެ. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތް ހިންގުމުގެ ބޮޑެތި ބާރުތަކެއް ލިބިދީފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު މިބާރުތަކުގެ ބޭނުން ކުރަމުންދަނީ ސިޔާސީ ގޮތަކަށް ކަމުގައެވެ.
މިއިންތިޚާބުގައި ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ މިނިސްޓަރ ފައްޔާޒު އިސްލާއި، އިމްތިޔާޒު ފަހުމީގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމަކީ ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއިންތިޚާބަކީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއް ސާފުވެގެންދާނެ އިންތިޚާބެއްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ