ރާއްޖޭގެ ސިއްޙީ ތަފާސް ހިސާބުތައް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ "މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020″ އިފްތިތާހްކޮށްފިއެވެ.
މި ފޮތް އާއްމުކޮށްދެއްވީ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތްފީއެވެ. މި ފޮތް ޝާޢިއުކުރުމުގެ މައިގަނޑު މަގުސަދަކީ ސިއްޙަތާއި ސިއްޙީ ނިޒާމާގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި ތަފާސް ހިސާބު އެއް ފޮތަކުން ފަސޭހަކަމާއިއެކު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ.
މި ފޮތުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ވިހާ، މަރުވާ މީހުންގެ މައުލޫމާތާއި، ތަފާތު ބަލިތަކުގެ މައުލޫމާތުގެ އިތުރުން، ރާއްޖޭގެ ސިއްޙީ ނިޒާމާއި އާންމު ސިއްޙަތާއި ބެހޭ މުހިންމު ތަފާސް ހިސާބުތައް ހިމެނިފައިވެއެވެ. އަދި ކޯވިޑް-19ގެ ތަފާސް ހިސާބުތައް ހިމެނޭ ޗެޕްޓަރއެއް ގޮތުގައި ހިމެނިފައިވާނެއެވެ.
މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމް ވިދާޅުވީ ތަފާސް ހިސާބުތަކުގެ ކަންކަން ރާވައިގެން ކުރުމަށް އޮތް ވަޞީލަތެއްކަމަށެވެ. އަދި މި މަސައްކަތަކީ ބުރަ މަސައްކަތްތަކެއް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ފޮތުގައި ކޯވިޑްގެ ތަފާސް ހިސާބުތައް ހިމެނުމަކީ މުހިއްމުކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ފޮތުގައި އެކުލަވާލާފައި ހުރި މަޢުލޫމާތުތަކުގެ އަލީގައި ސިއްޙީ ދާއިރާއަށް އިތުރަށް ބޭނުންވާ މީހުން ހޯދުމާއި އިތުރު ތަމްރީންތައް ދޭން ބޭނުންވާ ދާއިރާތައް އެނގިގެންދާނެކަމަށެވެ.
އަޅުގަނޑުމެން ދޭން ބޭނުންވާ ތަމްރީންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިވަރިސިޓީ ތަކާ ގުޅިގެން ގެންދިޔުމަކީ މުހިއްމުކަމެއް. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށްއޮތް ތަނުގައި ސިއްހީ ދާއިރާ އިތުރައް ހަރުދަނާވެ، ޚާއްސަ ގޮތެއްގައި އަޅުގަނޑުމެންނަށް ދިމާވެފައިވާ ޑްރަގުގެ ވަބާއިން ސަލާމަތްވުން.
– މިނިސްޓްރ އޮފް ހެލްތް އަޙްމަދު ނަޞީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތްފީ ވިދާޅުވީ ސިއްހީ ދާއިރާގެ ތަފާސް ހިސާބުތައް ހޯދަ ބެލެހެއްޓުމަކީ ވަށާޖެހޭ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް މުހިއްމު ކަމެއްކަމަށެވެ.
ސިއްޙި ދާއިރާއަކީ ވަރަށް ބޮޑަށް ސަމާލުކަމެއް ދޭންޖެހޭ ދާއިރާއެއް. މި ސަރުކާރުން މިދާއިރާއަށް ބޯދު ހޭދައެއް ކުރަމުން އަންނައިރު މީގެން ދުވަހަކު ހޭދަނުކުރާވަރަށް ސިއްޙީ ދާއިރާއަށް މި ސަރުކާރުން ޚަރަދުކުރޭ
– ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތްފީ ވިދާޅުވިއެވެ.
މި ފޮތުގައި އެކުލެވޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ %40 ޑޮކްޓަރުންނަކީ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. އަދި ނަރުހުންގެ ތެރެއިން %59 ނަރުހުންނަކީ ދިވެހިންނެވެ. 2020 ވަނަ އަހަރު %50 އަށްވުރެ ގިނަ އަންހެނުން ވިހާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. އެޑްމިޓްކުރެވިގެން ފަރުވާދެވިފައިވާ %35 މީހުންނަކީ ގައިންގަޔަށް ނާރާބަލި ތަކުގައި ފަރުވާހޯދާފައިވާ މީހުންނެވެ. އަދި 2020 ވަނަ އަހަރު މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރައްޖެއިން 13000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ މި ހޯދުންތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެކަމަށެވެ. އަދި ސިއްޙީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްޙީ ކަންކަން ރަގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.