އަތޮޅު ތެރެއިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

އަތޮޅު ތެރެއިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2020 03:24
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ އއ. މަތިވެރި، ނ.ކުޑަފަރި، ޏ.ފުވައްމުލަކު އަދި ބ. ކެންދޫގެ އިތުރުން ތ. ކިނބިދޫގައެވެ. އއ. އަތޮޅުގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅު ރިސޯޓަކުން މަތިވެރިއަށް ދާ ސަޕްލައި ދޯންޏަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ރަސްދޫގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން މަތިވެރީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މަތިވެރި ބަނދަރާ އެ ދޯނި ގާތްކުރި ވަގުތު އެ ދޯންޏަށް ފުލުހުން އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ނ. ކުޑަފަރީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ކުޑަފަރިއަށް ދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރާ ބޯޓު ގާތްކުރި ވަގުތު އެބޯޓަށް ފުލުހުން އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ބ. ކެންދޫގައި ހިނގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ކެންދުއަށް ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހު ހިންގި އެ އޮަޕަރޭޝަނުގައި އެ ބޯޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުވައްމުލަކު ސިޓީގައި ހިންގި އޮޕަރޭޝަަނަކީ ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި މަގުމަތިން އޭނާ ހުއްޓުވި ވަގުތު ބިންމައްޗަށް އޭނާ އެއްލައި އެއްޗެއް ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ތ. ކިނބިދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ތ. އަތޮޅަށް ދާ ބޯޓަކުން އެ އަތޮޅު އޮމަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކިނބިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކިނބިދޫ ބަނދަރާ އެ ބޯޓު ގާތްކުރި ވަގުތު ފުލުހުން އެބޯޓަށް އަރައި ބަލައި ފާސްކުރިއިރު އެ ބޯޓުގައިހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.