ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ހަވާލުވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީގޮތުން ޢުޛުރުވެރިވެޑައިގަންނަވާ ޙާލަތެއް މެދުވެރިވެފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ހަވާލު ކުރެއްވީ މިއަދު ހެނދުނު 6:00 ޖެހިއިރުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވަގުތީގޮތުން ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޤާނުނު އަސާސީގެ 126 ވަނަ މާއްދާގައިވާގޮތުގެ މަތިން، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ކުރިފުޅުމަތީގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރައްވައި ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް މިއަދު ކުރައްވާތީ، އެ އޮޕަރޭޝަނަށްފަހު އަލުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ޙަވާލުވެވަޑައިގަންނަވަންދެނެވެ.
ކޮމެންޓު ފޮނުވާ