ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ކުޑަކުދިންގެ ހަވީރެއް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ސްޓެލެކޯއިން ބުނެފައިވަނީ އެކުންފުނިން ކުރިއަށް ގެންދާ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ބާއްވާ މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ހަވީރު ކުރިއަށްދާނީ މާރަމާ ހަވީރު 16:30 އިން 18:30 އަށް ކަމުގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިއީ މިއަހަރުގެ ހޫނުގަދަ ދުވަސްވަރާއި ދިމާކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ބާރު އަޅުމަށްޓަކައި ހިންގޭ ކެމްޕެއިންގެ ތެރެއިން އެއް ހަރަކާތެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު އެކި ހަދިޔާތަކާއެކު ކުރިއަށް ގެންދާ ކުޅިވަރުތަކުގެ އިތުރުން، ރޮބޯމޭންގެ ހުށަހެޅުންތަކާއި، އޭނާޖީ ސޭވިން އެލްއީޑީ ބޮކި ހަވީރުގެ ތެރޭގައި ބަހާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
މި އަހަރުގެ ހޫނުގަދަ ދުވަސްވަރާއި ދިމާކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ބާރު އަޅައި އަޅުގަނޑުމެން ކުރިއަށް ގެންދާ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ވަރަށްހާއްސަ ކުޑަކުދިންގެ ހަވީރެއް ހުޅުމާލޭގެ ސެންޓްރަލްޕާކްގައި ހުކުރު ދުވަހު (މާދަމާ) ހަވީރު 16:30 އިން 18:30 އަށް އޮންނާނެ. pic.twitter.com/TtPv0HRJaI
— STELCO (@STELCOMALDIVES) February 24, 2022
ހޫނު މޫސުމުގެ މަސްތަކުގައި ކަރަންޓު އިޤްތިޞާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ސްޓެލްކޯއިން ވަނީ އިއުލާންކޮށްފައެވެ. ސްޓެލްކޯއިންވަނީ ކަރަންޓު ސަމަކާރަ(އިޤްތިޞާދު) ކުރުމުގެ ކެމްޕެއިނެއް ފަށާފައެވެ. މިއީ "ސޭވް އެނަރޖީ" ކެމްޕެއިން ކުރިއަށްގެންދާ 4ވަނަ އަހަރެވެ.
ސްޓެލްކޯގެ ސޭވް އެނަރޖީ ކެމްޕެއިންގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިކެމްޕެއިނާއެކު ވޭތުވެ ދިޔަ 2އަހަރު ކަރަންޓާ ގުޅޭގޮތުން ހުށައަޅާ ޝަކުވާތައް މަދުވެފައިވާކަން ފާހަގަކުރެވުނުކަމަށެވެ. މުޣްނީ ވިދާޅުވީ ކަރަންޓު ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލްވުމާއި އަދި އިޤްތިޞާދުކުރުމުގެ ސަބަބުން ބައެއް ގޭގޭގެ ބިލް %15އަށްވެސް ކުޑަވާކަމަށެވެ. މިފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިޤްތިޞާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެންގޮސް، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުޣްނީ ވިދާޅުވިއެވެ.
ސްޓެލްކޯއިން ދެން ރާވާފައިވާ ކަންކަމުގެ ތެރޭގައި ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދީ، އާއްމުން ޙޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ. އަދި ސްކޫލްތަކުގެ އިތުރުން، އޮފީސްތަކަށްވެސް ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ. ސްޓެލްކޯއަކީ ގްރޭޓަރ މާލެ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދެމުންދާ ކުންފުންޏެވެ. މިއީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ ދެބައިކޮށްފައި އެއްބައި ދިރިއުޅެމުން އަންނަ ސަރަޙައްދެވެ.