އިންތިޚާބުތަކުން ބަލިވި ކަމުގައި ވީނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ހުރިހާ އިންތިޚާބެއްގައި ވާދަކުރާނެކަމަށް ރާއްޖޭގައި އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީ އެމްއެންޕީން ބުނެފިއެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ ސައުތު ރީޖަންގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެޕާޓީއަކީ ސިޔާސީ ގޮތުން ހަނގު ޕާޓީއެއްކަމަށް ވީނަމަވެސް އެޕާޓީއަކީ ސިޔާސީ ގޮތުން ވަރަށް ތަޖުރިބާ ކާރު ގިނަ ބޭފުޅުންތަކެއް ހަރަކާތްތެރިވާ ޕާޓީއެއްކަމަށެވެ.
އޭނާ ވިދާޅުވީ އެމްއެންޕީން އިންތިޚާބު ތަކުގައި ނިކުންނަނީ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް ކަމަށެވެ. ނިމިދިޔަ ކޮނަމްޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ބޮޑު ދެޕާޓީއެއްގެ ނުފޫޒާއިއެކުވެސް ލިބުނު ކާމިޔާބީއަކީ އުފާވާވަރުގެ ކާމިޔާބީއެއްކަމަށެވެ. އިންތިޚާބުގައި ސަރުކާރުން ފޯރުވި ނުފޫޒާއި، ފެއްޓި އެތައް ޕްރޮޖެކްޓެއްގެ ކުރިމަތީގައިވެސް ގިނަ ބަޔަކު އެމްއެންޕީއަށް ވޯޓު ދިންކަމީ އުފާކުރާ ކަމެއްކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު އިންތިޚާބުތަކުގައި ވާދަކުރަން އެޕާޓީން އޮތީ ތައްޔާރަށް ކަމުގައެވެ.
މިޕާޓީއަކީ ތަޖުރިބާ މަދު، އެކަމު ތިބި ބޭފުޅުންގެ ތަޖުރިބާ ބޮޑު ޕާޓީއެއް. އެހެންކަމުން ކުރިއަށް އޮތް ތާގައިވެސް އިރާދަ ކުރެއްވިޔާ ހުރިހާ އިންތިޚާބެއްގައި މިޕާޓީން ވާދަކުރާނެ. އަދި ހަމަ ގަދަ އަޅާ މަސައްކަތް ކުރާނެ. އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުންވެސް ހަމަ ތެދުވެރިކަމާއިއެކު ވޯޓު ދެއްވުން. އެއްގޮތަކަށްވެސް ބައެއްގެ ދަޅަދައްކައިގެން އެޔަށް ނުހެއްލި ތެދުވެރިކަމާއިއެކު ވޯޓުދީގެން އެދާއިރާގެ ތަރައްޤީ ގެނައުން.
– ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްއެންޕީއަކީ ރާއްޖޭގެ ސިޔާސީ ހުރިހާ ޕާޓީއެއްގެ ބައިވެރިވުން އޮތް ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުން އެކުލެވޭ ޕާޓީއެއްކަމަށެވެ. އެގޮތުން ދައުލަތުގެ އެކި މަޤާމުތައް ފުރުއްވި ގިނަ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާ އެތައް ބޭފުޅަކު އެމްއެންޕީގައި ތިބިކަމީ އޮތް އެންމެ ބޮޑު ހިންހަމަ ޖެހުންކަމަށެވެ.
އަޅުގަނޑުމެންނަކީ އަސްލު ކުޑަ ޕާޓީއެއް. ޕާޓީ އޮކްޓޯބަރުގައި ރަޖިސްޓްރީ ކުރެވުނަސް މިޕާޓީގެ އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ފުންނާބު އުސްބޭފުޅުން. މިޕާޓީގައި އަސްލު ރާއްޖޭގެ އެހުރިހާ ޕާޓީއެއްގެ ބޭފުޅުން އެބަ ރެޕްރެޒެންޓް ކުރައްވާ. އެގޮތަށް ބަލާއިރު އަދާލަތު ޕާޓީގައި އުޅުއްވި، ކުރީގެ މިނިސްޓަރަކު އެބައުޅުއްވާ، އަދި ޕީޕީއެމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރ މިޕާޓީގައި އުޅުއްވާ، ޕީޕީއެމްގެ ފޮރިން މިނިސްޓަރު އުޅުއްވާ، އަދި ރާއްޖޭގެ ޕޮލިސް ކަމިޝަނަރަކު އެބައުޅުއްވާ. އެޓާނީ ޖެނެރަލް ކަން ކުރެއްވި ބޭފުޅަކު އުޅުއްވާ.
– ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއެންޕީން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ހޯދުމަށް ކަމަށެވެ. ރަށްރަށުގެ ރައްޔިތުންނަށް ނިމިދިޔަ ސަރުކާރު ތަކުން ދައްކަމުންދިޔަ ދަޅަތަކުން ރައްޔިތުން ސަލާމަތްކޮށް އާމަންޒިލަކަށް ގެންދިއުމަކީ އެމްއެންޕީގެ އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ