ވޮކޭޝަނަލް ދާއިރާއިން 350 ދަރިވަރުން ތަމްރީން ކުރަނީ

ވޮކޭޝަނަލް ދާއިރާއިން 350 ދަރިވަރުން ތަމްރީން ކުރަނީ

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2022 01:12
0

ކޯވިޑްގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގްތިސާދު އަލުން ނެގެހެއްޓުމަށްޓަކައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގަމުންދާ ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން 11 ކޯހަކުން 350 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ ތިން ފަރާތަކާއި ހަވާލު ކޮށްފިއެވެ.

އެ ތިން ފަރާތަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި މޯލްޑިވްސް މެރިޓައިމް އެކަޑެމީއެވެ. މި ޕްރޮގްރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލް III ގެ ކޯސްތައް ހިމެނެއެވެ.

މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސްގެ ކޯސްތައް ހިންގަން ތިން ފަރާތަކާއި ހަވާލުކުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާ ކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށާއި ގައުމު ކުރިއަށްދާނީ ހުނަރުވެރި އަދި ފަންނުވެރި ޖީލެއް ބިނާވެގެންކަމަށެވެ.

މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވި ތިން ފަރާތަށް މަރުހަބާ ދަންނަވާކަމަށާއި މިނިސްޓްރީއާއި އެކުގައި މީހުން ބިނާކުރުމަށް ދެއްވާ އެއްބާރުލުމާއި ބަހައްޓާ ގާތްކަމަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑު އުއްމީދުކުރަން އަޅުގަނޑުމެންގެ ތާވަލާއި އެއްކޮށް ކުރިއަށްގޮސް 350 ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމުގެ އުފާވެރި ހަފްލާ ތާވަލާއި އެކީގައި ކުރިއަށްދާނެ ކަމަށް.

– މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން އިތުރު 35 ކޯހެއް ހިންގުމަށް މިނިސްޓްރީން މިއަދު ވަނީ އިއުލާން ކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ކޯސްތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

2021 ވަނަ އަހަރު 14 ކޯހެއް ހިންގަން އަމިއްލަ 4 ފަރާތަކާއި ހަވާލުކޮށް 565 ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދެ އެވެ. އޭގެތެރެއިން މިހާތަނަށް 83 ދަރިވަރުންވަނީ ދަސްވެނިވެ ޤައުމީ ސަނަދު ހާސިލުކޮށްފައެވެ. މިއަދު އިއުލާން ކުރި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.