އެމްއެމްޕީއާރުސީގެ ތަޙްޤީޤް އެކަށީގެންވާގޮތެއްގައި ކުރެވި ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާއި ގުޅިގެން އެކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ނުކުރެވި ލަސްވާތީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުންގެ ފާޑުކިޔުން ސަރުކާރަށްވެސް އަމާޒުވެފައިވަނިކޮށެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި މަޖިލީހުގެ ކޮމިޓީން ބަލައި އެކަމުގައި ބައިވެރިވުން އޮތްކަމަށް ބުނާ މީހުންގެ ލިސްޓެއް ޢާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި މިސަރުކާރުގައި އިސްކޮށް އުޅުއްވާ ބައެއް ވަޒީރުންނާއި އެނޫންވެސް ބައެއް ބޭފުޅުން ހިމެނެއެވެ.
ނަމަވެސް އެމީހުންގެ މައްޗަށް ދައުވާކުރެވި އަނެއްބައި މީހުންނަށް ދައުވާ ނުކޮށް އޮތުމުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ތަހްޤީޤް ކުރުމަށް ބޭރުގެ ފޮރތެންސިކް އޮޑިޓާސް ކޮންޓެކްޓް ކުރުމަށް އެމަނިކުފާނު ވަރަށް އެދިވަޑައިގަނެފައިވާނެކަމަށެވެ.
ދެންވެސް މައްސަލަތައް ރަނގަޅަށް ތަހްގީގުކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލްވާނެ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
MMPRC ge khiyaanaathuge massalathah thahqeeq kurumah beyruge forensic auditors contract kurumah alhugadu varah edhunin. Dhenves massalathah ragalhah thahuqeeq kurevi ekasheegenva dhauvaa nu ufuleynama dhaulaiy fail vaane
— Mohamed Nasheed (@MohamedNasheed) February 24, 2022
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނެއެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ. ކޮމިޓީން ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށްވުމުން އެފަދަ ފަރާތްތަކުގެ ތަޙުޤީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުކުރެވޭ މިސަރުކާރުގެ އެއްވަޒީރަކީ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފެވެ. ނަމަވެސް މިހާތަނަށްވެސް އެމަނިކުފާނުގެ މައްޗަށް ދައުވާކުރެވި މަޤާމުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
One Response
އިބޫ ސަރުކާރުން އެންމެ ގަދަޔައް ވިއްކި ވައުދު، އެމްއެމްޕީއާރުސީގެ ތަހުގީގު އަދިވެސް ފިރުކެނީ…..ފިރުކެނީ!!! ލަދުކޮބާ!!!
ނަޝީދު އެބުނިފަދައިން ގްރާން ތޯންޓަން ފަދަ ފޮރިންސިކު ބަޔަކު އަވަހައްގެނެސް ނިކަން ހިންގާލާ ނަތީޖާ ދައްކާލަބަލަ!!!
އިބޫ!! ހޭވެރިވެބަލަ…..ދައުރު މިއޮންނިމެނީއޭ……ދެން ވަގުތެއްނެތޭ!!!