ރަޝިއާ ސިފައިން ޔޫކުރެއިންއަށް އަރާ އެގައުފު ހިފުމަށް ތައްޔާރު ވެފައިވާކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާއިރު، ޔޫކުރެއިންގެ ވެރިރަށް ކީވްގެ މޭޔަރު އެ ސިޓީގައި، މެންދަމު 12 އިން ފެށިގެން ކުއްލި ނުރައްކަމުގެ ހާލަތު އިއުލާން ކޮށްފިއެވެ.
ކީވްގެ މޭޔަރު އޭނާގެ އޮފިޝަލް އިންސްޓަގްރާމް ޗެނަލްގައި އާންމު ކޮށްފައިވާ މެސެޖުގައި ވިދާޅުވެފައިވަނީ "ސަރުކާރުން އަންގާ އެންގުންތަކާއި އަސަކަރިއްޔާއި ލޯ އެންފޯރސްމަންޓް އޭޖެންސީތަކުން ދޭ އޯޑަރުތައް ތަންފީޒު ކުރުމަށްޓަކާ އޮޕަރޭޝަނަލް ހެޑްކުއާޓަރުތައް ގާއިމް ކުރެވިފައި" ވާކަމުގައެވެ.
އަދި މި މެސެޖުގައިވާ ގޮތުން، އިއުލާން ކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތުގައި، ބޭނުން ވެއްޖެ ހާލަތެއްގައި ،ުޅި ސިޓީގައި ކާފިއު ހިންގުމުގެ އިތުރުން ވެރިރަށަށް ވެދެ ނިކުމެ އުޅުން މާނާކުރުމާއި އަދި އެއްގަމު އުޅަނދުފަހަރުގަވެސް ދަތުރުކުރުން މަނާކުރެވިގެން ދާނެއެވެ.
ޔޫކުރެއިންގެ ވެރިރަށް ކީވްގެ މޭޔަރ ކްލިސްޗިކޯވް ވިދާޅުވެފައި ވާގޮތުގައި، ވެރި ރަށުގައި މި އެޅި ފިޔަވަޅުތަކުގެ ބޭނުމަކީ އާންމު މަސްލަހަތާއި ރައްކާތެރިކަން ދަމަހައްޓާ އަދި އޭގެ އިތުރުން ސިޓީގައި ދިރިއުޅެވޭނެ ރައްކާތެރި މާހައުލެއް ގާއިމް ކުރުމެވެ. އަދި މީގެ އިތުރުން އާންމު އެއްވުންތައް މަނާކުރުރުމުގެ އިތުރުން ބޭނުން ވެއްޖެ ހާލަތެއްގައި ފޯރުކޮށްދޭން ޖެހޭ ފުރިހަމަ މައުލޫމާތު އާންމު ރައްޔިތުންނާއި ހަމައަށް ފުރިހަމައަށް ފޯރު ކޮށްދިނުމެވެ.
ޔޫކުރެއިންގެ ވެރިރަށުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމު ހިފަން ތައްޔާރު ވެއްޖެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ޔޫކުރެއިންގެ ސަރުކާރަށް ދީފިއެވެ.
އިންޓެލިޖެންސް މައުލޫމާތުތަކާއި ހަވާލާދީ، އެމެރިކާއިން ޔޫކުރެއިންއަށް އަންގާފައިވަނީ، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންއަށް ހަމަލާން ދޭން ފެށުމަށް މިހާރު ތައްޔާރު ވެފައިވާ ކަމަށާއި، ރަޝިއާ ސިފައިން ކޮންމެ ވަގުތެއްގައިވެސް މިހާރު ޔޫކުރެއިންގެ ވެރިރަަށަށް ހަމަލާ ދޭންފަށާފާނެކަމުގައެވެ. އެހެންނަމަވެސް، ޔޫކުރެއިންގެ އިންޓެލިޖެންސްއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާދޭ ފަށާނެކަމުގެ އިންޓެލިޖެންސް މައުލޫމާތު އެގައުމަށް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންގެ ވެރިރަށް ހަމަލާ ދޭން ފަށާނެކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާއިރު، ރަޝިއާއިން މިނިވަންކަން ބަލައިގެންވައިވާ، އިރުމަތީ ޔޫކުރެއިންގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އެގައުމުގެ ދެސަރަހައްދު ކަމުގައިވާ ޑޮނެސްކްއާއި ލުހާންސްއަށް ރަޝިއާގެ ފައުޖުތައް މިހާރު ވަންނަން ފަށާފައިވާ ކަމަށް، ނޭޓޯގެ މެމްބަރު ގައުމެއް ކަމުގައިވާ ލެޓްވިއާގެ ބޮޑުވަޒީރުގެ އިތުރުން އެމެރިކާގެ އިންޓެލިޖެންސްއާއި ހަވާލާދީ ސީއެންއެންއިން ވަނީ ރިޕޯޓު ކޮށްފައެވެ.
ޔޫކުރެއިން ބޯޑަރު ކައިރިއަށް ރަޝިއާގެ އިތުރު ސިފައިންނާއި ހަތިޔާރު ޖަމާވަމުންދާ ކަމުގެ އިތުރު ރިޕޯޓުތައް އަންނަން ފަށާފައި ވާއިރު، ރަޝިއާގެ މަސްލަހަތުތަކާއި ސެކިއުރިޓީ ގުރުބާން ނުކުރެވޭނެ ކަމުގައި ރަޝިއާގެ ރައީސް ލާޑިމިރި ޕުޓިން މިއަދު ވަނީ ވިދާޅުވެފައެވެ.
ވީޑިއޯ މެދުވެރިކޮށް، ޕުޓިން ވާހަކަ ދައްކަވާފައިވަނީ، ރަޝިއާއިން އިރުމަތީ ޔޫކުރެއިންގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އެގައުމުގެ ދެސަރަހައްދު ކަމުގައިވާ ޑޮނެސްކްއާއި ލުހާންސްކައަކީ މިނިވަން ދައުލަތެއް ކަމުގައި ކަނޑައަޅާ، މި ދެ ސަރަހައްދުގެ މިނިވަންކަން ރަސްމީކޮށް ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންގެ ރިޔާސީ ގަރާރަކުން ބަލައިގަތުމާއިގުޅިގެން، ރަޝިއާއިން ޔޫކުރެއިންގެ މިނިވަންކަމަށް އަރައިގަންނަން ފަށާފައިވާ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑްން ދެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
ޕުޓިން ވިދާޅުވި ގޮތުގައި ރަޝިއާއިން އަބަދުވެސް އޮންނާނީ އިޚްލާސްތެރި ކަމާއިއެކު ކުރިޔަށް ގެންދާ މަޝްވަރާތަކަށް މަރުހަބާ ކިއުމަށް ތައްޔާރަށް ކަމަށާއި، އަދި ރަޝިއާގެ އަސްކަރިއްޔާއަށް އޭނޭގެ ފުރުހަމަ އިތުބާރު އޮންނާނޭ ކަމުގައެވެ.
ރަޝިއާގެ މަސްލަހަތުތަކާއި އަދި އެގައުމުގެ ސެކިއުރިޓީ ގުރުބާން ނުކުރެވޭނެކަމަށް ޕުޓިން ވިދާޅުވެފައިވާއިރު، ރަޝިއާއިން އިރުމަތީ ޔޫކުރެއިންގެ މިނިވަންކަން ބަލައިގަތުމާއި ގުޅިގެން، ޔޫރަޕާއި ހުޅަގުގެ ގައުމުތަކުން ދަނީ ރަޝިއާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
މިގޮތުން މިހާތަނަށް ރަޝިއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ތެރޭގައި، އެމެރިކާ، އިނގިރޭސިވިލާތް. އޮސްޓްރޭލިއާ، ޖަޕާންގެ އިތުރުން ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ.
އަދި ޔޫކުރެއިން މައްސަލައަށް ހައްލެއް ނައިސް، މައްސަލަ ގޯހުން ގޯހަށް ދަމުން ދާއިރު، ޔޫކުރެއިންގެ ފޮރިންގ މިނިސްޓްރީންވަނީ، ރަޝިއާގައިތިބި އެގައުމުގެ ހުރިހާ ރައްޔިތުން ރަޝިއާ ދޫކޮށް ދިއުމަށް އިލްތިމާސް ކޮށްފައެވެ. އަދި ޔޫކުރެއިންވަނީ ރަޝިއާ ސިފައިން އެގައުމަށް އެރުމަށް ތައްޔާރުވަމުން ދާކަމަށް ބަލާ، އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކުރުމަށް ތައްޔާރު ވަމުންނެވެ.
އަދި ރަޝިއާއިންވަނީ ޔޫކުރެއިންގައި ތިބި އެގައުމުގެ ހުރިހާ ޑިޕްލޮމެޓިކް މުވައްޒިފުން އެގައުމު ދޫކޮށް ދިއުމަށްވެސް މިހާރު އަންގާފައެވެ.