ނަޝީދުގެ ބާރުވެރިކަން މިހާރު އޮތް ހަމައެކަނި ތަނަކީ ޖޭއެސްސީ: ޝިޔާމް

ނަޝީދުގެ ބާރުވެރިކަން މިހާރު އޮތް ހަމައެކަނި ތަނަކީ ޖޭއެސްސީ: ޝިޔާމް

Author
މުޙައްމަދު ޖިމީ
22 ފެބްރުއަރީ 2022 10:13
0

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ބާރުވެރިކަން މިހާރު އޮތް ހަމައެކަނި ތަނަކީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ މިހާރު ޝަރުޢީ ދާއިރާއިން ފެންނަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީންނަށް ހުކުމް އިއްވާ ފަނޑިޔާރަށް ސުޕްރީމް ކޯޓުގެ ބެންޗުން ޖާގަދޭ އެސޫލުކަމަށެވެ. އެއީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުންކަމަށް އެމްޑީޕީން ޤަބޫލުކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ޖޭއެސްސީ އިޞްލާހުކުރުމަކީ މިސަރުކާރު ގެނައުމުގައި އެމްޑީޕީން އެންމެ ބާރަށް ދެއްކި އަދި އެންމެ މުހިންމު ވަޢުދުކަމަށް ވިދާޅުވި ވަޢުދުކަމަށެވެ. ނަމަވެސް 3 އަހަރުވެ ހަތަރު އަހަރު ވެގެންދާއިރުވެސް އެ އިޞްލާހު ގެނެވިފައި ނުވަނީ އިޚްލާސްތެރިކަން ނެތީމާކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ އެމްޑީޕީން ޖޭއެސްސީ އިޞްލާހު ކުރުމަށް އެމްޑީޕީން ކުރެއްވި އެންމެ ކަމެއް ވިދާޅުވެދެއްވުމަށް އެމްޑީޕީ މެންބަރުންނަށް ގޮވާލެއްވިއެވެ.

އެމްޑީޕީން ކުރެއްވި ހަމައެކަނި ކަމަކީ ޖޭއެސްސީއަށް މަޖިލީހުގެ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއާއި، ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު އައްޔަންކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ. އިތުރު އެއްވެސް ކަމެއް އެމްޑީޕީއަށް ކުރެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ ބާރުވެރިކަން މިހާރު އޮތް ހަމައެކަނި ތަނަކީ ޖޭއެސްސީކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގައިވެސް އެމަނިކުފާނުގެ ބާރު ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ އިޚްލާސްތެރިކަން ހުންނެވިނަމަ ޠާރިޤް ހުށައެޅުވި އިޞްލާހު ބަލައިގަނެ ފާސްކުރުމަށް ގޮވާލައްވާފައެވެ. އަދި ޖޭއެސްސީ އިސްލާހު ކުރުމުގައި މުހިންމު ދައުރެއް އަދާކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ބޭފުޅަކީ ރައީސް ނަޝީދުކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޖޭއެސްސީ އިޞްލާހު ކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ. ނަމަވެސް މިހާތަނަށްވެސް އެކަމަށް އެއްވެސް މަސައްކަތެއް ނުކުރާކަަމށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ބާރުވެރިކަން މިހާރު އޮތް ހަމައެކަނި ތަނަކީ ޖޭއެސްސީކަމަށް ޝިޔާމް ވިދާޅުވެފައި މިވަނީ އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުން އުފެދި އެޕާޓިގެ އެތެރޭގެ އިންތިޚާބު ރައީސް ޞާލިޙްގެ ފެކްޝަނުން ދަނީ ކާމިޔާބުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.