ދިވެހިބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކޮށް ދަރިން ޝައުގުވެރިވާނެ ގޮތަކަށް ބަސް ކިޔަވައިދިނުމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ގޮވާލައްވައިފިއެވެ.
މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރަކީ "ގިނަ ބައްސަ އުނގެނުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް" މިއެވެ.
މިނިސްޓަރ ވިދާޅުވީ، މިދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިއަދު ދުނިޔޭގައި މީހުން ވާހަކަ ދެއްކުމަށް ބޭނުންކުރާ ބަސްތައް ނެތިދިޔަނުދީ އެ ބަސްތައް ރައްކާތެރިކަމާއިއެކު އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރުންކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މުޢާމަލާތު ކުރުމަށް ޖުމްލަ 7000 އެއްހާ ބަސް ބޭނުންކުރާއިރު މީގެ ތެރެއިން ދެބައިކުޅަ އެއްބައި ބަސް މި ޤަރުނުގެ ތެރޭގައި ނެތިގެން ދާނެ ކަމަށް ބަހުގެ މާހިރުން ލަފާކުރެއެވެ މީގެ ތެރޭގައި ގިނައިން ހިމެނެނީ ދުނިޔޭގެ ނިސްބަތުން ކުޑަ އާބާދީއެއް ވާހަކަދެއްކުމަށް ބޭނުންކުރާ ދިވެހި ބަސް ފަދަ ބަސްތަކެވެ.
ދިވެހި ބަހަކީ ކުޑަކުދީންނާއި ޒުވާނުން ޝައުޤުވެރިވާ، ޒަމާނީ ޓެކްނޮލޮޖީ އާ ރައްޓެހި ބަހަކަށް ހަދާން އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް ކުރާން އެބަޖެހޭ. ކުޑައިރުއްސުރެ ދަރީންނާ ދިވެހި ބަހުން ވާހަކަދައްކާން މައިންބަފައިން ސަމާލުކަން ދޭންޖެހޭ. އެކި އުމުރުފުރާގެ ކުދީން ކިޔާނެ ފޮތްތައް ތައްޔާރުކުރާން ޖެހެއެވެ. ޓީވީ ރޭޑިއޯ ޕްރޮގުރާމްތަކާއި ތަފާތު ކުޅިވަރުތައް ތައްޔާރު ކުރާން ޖެހޭ. އެޕްތައް ތައްޔާރު ކުރާން ޖެހޭ. ދިވެހިބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދުލުކުރާން ޖެހޭ. ކުދީން ޝައުޤުވެރިވާ ފަދަ ގޮތަކަށް ދިވެހި ބަސް ކިޔަވައިދޭން އެބަ ޖެހޭ.
– ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ކޮންމެ ބަހުރުވައެއްގައިވެސް އެ ބަހުރުވައަކަށް ޚާއްޞަ ރާގަކާއި، އެ ބަހުރުވައަކުން މުޢާމަލާތުކުރާ ވަކި ގޮތްތަކަކާއި އެ ބަހުރުވައަކުން ވިސްނާ ވައްޓަފާޅިއެއް އެކުލެވިގެންވާކަމަށެވެ. ދިވެހި ބަހަކީވެސް ބަހުރުވަތަކުން މުއްސަނދި ބަހެއް ނަމަވެސް، ތަޢުލީމު ދިނުމުގައްޔާއި އާންމު ދިރިއުޅުމުގައި އެ ބަހުރުވަތައް ބޭނުންކުރެވޭ މިންވަރު މަދުވުމުގެ ސަބަބުން މިއަދު ބައެއް ބަހުރުވަތަކުން ވާހަކަ ދައްކަން އެނގޭ މީހުން މަދުކަމީ، ނުވަތަ ބައެއް ބަހުރުވަތަކުން ވާހަކަ ދައްކަން އެނގޭ މީހުން ނެތްކަމީ ހިތާމައާއި އެކު ފާހަގަކުރަން ޖެހޭ ކަމަށެވެ.
ބަހެއް ދަސްކުރުން ނުވަތަ ބަހެއް ހަނދާންނެތުމަކީ ހަމައެކަނި މުޢާމަލާތުކުރުމުގެ ވަޞީލަތެއް ގެއްލުމެއް ނޫންކަމަށާއި، ބަހަކީ އިންސާނާގެ ވިސްނުމާއި އަމިއްލަވަންތަކަން ބައްޓަންކުރާ އެއްޗެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއީ އެ އިންސާނާ އާއި އޭނާގެ މުޖުތަމަޢުގެ ތާރީޚާއި ސަގާފަތާއި އާދަކާދައާ ގުޅިލާމެހިފައިވާ އެއްޗެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ