ރާއްޖޭގައި އިނގިރޭސިވިލާތުގެ ހައިކޮމިޝަނެއް ހުޅުވައިފި

ރާއްޖޭގައި އިނގިރޭސިވިލާތުގެ ހައިކޮމިޝަނެއް ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2022 07:40
0

ރާއްޖޭގައި އިނގިރޭސިވިލާތުގެ ހައިކޮމިޝަނެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ރާއްޖޭގައި ޤާއިމްކުރި އިނގިރޭސިވިލާތުގެ ހައިކޮމިޝަން ހުޅުވައިދެއްވީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ އިނގިރޭސި ސަރުކާރުގެ ފޮރިން، ކޮމަންވެލްތު އަދި ޑެވެލޮޕްމަންޓް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ކޮމަންވެލްތު ލޯޑް ތާރިގް އަހްމަދު އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. މިއީ ޔޫރަޕްގެ ޤައުމަކުން ރާއްޖޭގައި ޤާއިމްކުރި ފުރަތަމަ ޑިޕްލޮމެޓިކް މިޝަންއެވެ.

ހައިކޮމިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެއްވި ވީޑިއޯ މެސެޖްގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގައި އިނގިރޭސިވިލާތުގެ ހައިކޮމިޝަން ހުޅުވުމުން ދައްކުވައިދެނީ ދެ ޤައުމުންވެސް އިތުރަށް ގުޅުން ބަދަހިކުރަން ބޭނުންވާ މަންޒަރުކަމަށެވެ. އަދި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ އަދި ސިޔާސީ ގޮތުން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކުގައި އިނގިރޭސިވިލާތަކީ މުހިންމު ބައިވެރިއެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރަކީ ކެރޮން ރޮސްލާއެވެ. އެކަމާނާގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެރުވީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. މިއީ ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ.

އިނގިރޭސި ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވިއިރު ދާދިފަހުން އޮސްޓްރޭލިއާއިންވެސް ވަނީ އެގައުމުގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.