މުސްތަފާބޭއެވެ. އިންޑިޔާ އައުޓަކީ ހަމަ އިންޑިޔާ އައުޓްވުމެވެ. ގޮތްނޭގޭ އެއްބަސްވުމުން ތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަވާ ދަރަޖައަށް ކަންކަން ދިއުމަކީ އަދި މާނުރައްކާ ކަމެއްނޫންތޯއެވެ. އެހެންވީމަވެސް އިންޑިޔާ އައުޓެވެ. އިންޑިޔާ ސިފައިން ރާއްޖޭގެ ރަށްތަކުގައި ފެތުރިފައިވަނީ ކިހާ މިންވަރަކަށް ކަމެއް ގިނަރައްޔިތުންނަކަށް ނޭގެއެވެ. އެކަންވަނީ މުސްތަފާބޭމެން ރައްޔިތުންނަށް ވަންހަނާ ކޮށްފައި ނޫންތޯއެވެ. އެއީ "ބަލާ ބަޔަކަށް ފެންނަ ޢާންމުންނަށް ނުފެންނަ" ކަމެއްގެ ގޮތުގައި ނޫންތޯއެވެ.
މުސްތަފާބޭއެވެ. ރައްޔިތުން މަގުތަކަށް ނުކުމެ އިންޑިޔާ އައުޓް ގޮވަމުންދަނީ ފޫހި ފިލުވާލަން ކުރާކަމެއްގެ ގޮތުގައިކަމަށް ދެކެމުން އައި ބަޔަކު މިގައުމުގައި އެބަތިބި ނޫންތޯއެވެ. އެއިރު އެމީހުންނަށް ހީވީ ވަރަށް އާދައިގެ ގޮތަކަށް ކުރަމުން އައި ކަމެއްގެ ގޮތުގައެވެ. މިއަދު އެހެން ތޯއެވެ. މުޅި ގައުމުގައި، އިންޑިޔާ އައުޓް ނުވެގެން އެކަމާ ކަންބޮޑުވެގެން އިންޑިޔާ އައުޓް ގޮވާ މީހުންނަށް ގާނޫނީ ގޮތުން އަދަބު ދިނުމަށް ތިޔަ މަސައްކަތްކުރައްވަނީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުންތާއެވެ.
މުސްތަފާބޭ އަޑު އައްސަވާށެވެ. ބުނަމެވެ. އިންޑިޔާ އައުޓް އޮތީ ރާއްޖޭގެ ކަންކޮޅުތަކުގައި ވަރަށްބޮޑަށް ވައިގައި ހިފާފައެވެ. އެކަން ހުއްޓޭނެ ގޮތެއްނެތެވެ. އިންޑިޔާ އައުޓޭ ގޮވަން ބޭނުން ނުވާ މީހުންގެ ދަރިންވެސް މަގުތަކަށް ނުކުމެ އިންޑިޔާ އައުޓް ގޮވަން ފެށުމުން، އެކަން ކުޑަކަމެއްގެ ގޮތުގައި ދެން ބަލައިގަނެވޭނޭ ގޮތެއް ނިކަން މުސްތަފާބޭ ބުނެލަ ދީބަލާށެވެ.
ރާއްޖޭގެ އިދިކޮޅު ޕާޓީގެ ލީޑަރު ރަށްރަށަށް އެވަޑައިގަންނަވަނީ އިންޑިޔާ އައުޓު ޓީޝާޓް ތުރު ކުރައްވައިގެންނެވެ. ފޯރިއާ ޖޯޝާއެކު ގައުމީ ރޫޙުގައި ރަށްރަށުން މަރުހަބާ ދަންނަަމުން އެހެރަ ގެންދަނީވެސް ހަމަ އިންޑިޔާ އައުޓް ލިޔެފައިވާ ބެނާތަކުންނެވެ. އަންހެނަކު ލިބާހެއް ލިޔަސް، ކަނޑިކެކޮޅެއް އަނދެގެން ހުޓަސް އޭގައިވެސް ޖަފާއި އެ އޮންނަނީ އިނޑިއާ އައުޓެވެ. ރަށް ރަށުގެ ފާރުތަކުގައި އިންޑިޔާ އައުޓް ލިޔަން ފަށައި ފިއެވެ. މިއީ ގައުމީ ފެންވަރުގެ ކެމްޕޭނަކަށް ނުވާނެ ހަމައެއްގޮތްވެސް ނެތެއް ނޫންތޯއެވެ.
ދިވެހިރާއްޖޭގެ ދާޚިލީ ވަޒީރަށް އައުޓް ކުރާންވީ ގޮތާއި، ވާންވާނީ ކޮން އެއްޗެއްކަން ނޭގުނީމާ ހައިރާންނެއް ނުވޭތޯއެވެ. ރައްޔިތުން މަގުތަކަށް ނިކުމެ، މުޒާހިރާކޮށް އަޑުއުފުލަމުން، ދާޚިލީ ވަޒީރަށް އައުޓު ވާންވީ ކޮންއެއްޗެއްކަން އެހެރަގެން ކިޔައިދެމުންދާ މަންޒަރު މުސްތަފާބޭއަށް ނުފެންނަނީ ހެއްޔެވެ. ނުވަތަ މުސްތަފާބޭ ނުދަންނަ ކަމުގައި ހެދިގެން، ހިރުވާތަން ކަހާވެސް ނުލާ ހަމަ ހުންނަނީ ހެއްޔެވެ.
އެހެންނަަމެސް، ގައުމެއްގެ ވަޒީރު ކަމުގައި ހުންނަވާ ބޭފުޅަކަށް އައުޓު ވާންވީ ކޮން އެއްޗެއްކަން އެގެން ވާނެނޫން ހެއްޔެވެ. މުސްތަފާބޭއަށް މިއީ އަރަތަކަށް ނުވޭތޯއެވެ. ގައުމުދެކެ މުސްތަފާބޭމެން ތިޔަވަނީ، ކަނު ލޯތްބެކޭ ބުނަން މިޖެހެނީ މި ސަބަބާ ހެދިއެވެ. އެއަށް ބައެއް މީހުން ގިރިޓީ ލޯތްބޭވެސް ކިޔައެވެ. ގައުމީ ނަޒަރުން ވިސްނާ ފަރާތްތަކުން ބުނަމުންގެންދަނީ މުސްތަފާބޭމެންގެ އަންބޮޑި ބޮޑުކުރަން ގައުމު ވިއްކާލަނީ ކަމުގައެވެ. އަދި މިކަން މި ބީދައި ބަލައިގަތުމުގެ ފުރުސަތު ރައްޔިތުންނަށްވެސް އޮތްކަމުގައި ޚުދު މުސްތަފާބޭވެސް މިއަދު ގަބޫލު ކުރާން އެބެޖެހޭ ނޫންތޯއެވެ. އައުޓު ވާންވީ ކޮން އެއްޗެއްކަން ދާޚިލީ ވަޒީރަށް އެގި ނުލެއްވިއެއްކަމަކު، މުސްތަފާބޭއަށް އައުޓު ވާންވީ ކޮން އެއްޗެއްކަން ނޭގި ނުހުންނާނޭ ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ. އަބަދުވެސް މުސްތަފާބޭ އުޅުއްވަނީ އެއް ދޮނެއްގައި ދެބުޅި ޖައްސަވައިގެން ނޫން ހެއްޔެވެ.
މުސްތަފާބޭއެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދާ މަންޒަރަކީ، ޚާރިޖީ ސިޔާސަތު ފޭލްވެފައިވާ ހިތާމަވެރި މަންޒަރު ނޫންތޯއެވެ. ދެތިން ބިހާ އަލުވި ކޮޅަކަށް ގައުމުގެ ވިއްކާލައިގެންއުޅޭ މަންޒަރު ނޫންތޯއެވެ. ދިވެހިރާއްޖޭގައި ވަކިގައުމަކަށް ބަރޯސާ ނުވުމުގެ ޚާރިޖީ ސިޔާސަތު އޮތް ޒަމާންތަކެއް ދިވެހިން ދެކެފައި ނުވޭތޯއެވެ. އެއްވެސް ގައުމެއްގެ ދަށުވެ އަޅުވެތި ކަމުގެ ކަސްތަޅު ފާއިތުވީ ޒަމާންތަކުގައި ދިވެހިންގެ ހަތަރެސްފައިގައި އެޅިފައި ވޭތޯއެވެ. މުސްތަފާބޭ ކެރިގެން ބުނެބަލާށެވެ.
އެއްވެސް ގައުމަކުން އަޅާ ނުލައިފިނަމަ ދިވެހިން ކަނޑުވެގެންދާނެ ކަމުގެ ބިރުވެރިކަމެއްވެސް ނެތެވެ. ކާބޯތަކެއްޗާއި ބޭސްފަރުވާގެ ކަންކަން އޭރުވެސް ހަމަޖައްސަމުން ހަމަޖެހެމުން އެހެރަގެން ދިޔައީއެވެ. ހަމައިސްކޮޅަށް ހިތްދެމިލައިގެން ރާއްޖޭގެ ރައްޔިތުން އުފާ ފާގަތިކަމުގައި އުޅުނު ދުވަސްވަރު މުސްތަފާބޭމެންގެ ހަނދާނުގައި ނެތީތޯއެވެ. ދޭދޭ ގައުމުތަކުގައި މެދުގައި އޮންނަނީ ވަރަށް ގާތް އެކުވެރި، ރަޙްމަތްތެރި ގުޅުމެކެވެ. އެއިރުވެސް ދިވެހިންނެވެ. މިހާރުވެސް ދިވެހިންނެވެ. ތަފާތަކީ މުސްތަފާބޭމެންގެ ކިބައިގައި އިޚްލާޞްތެރިކަން ނެތުމުގެ ތަފާތު ނޫންތޯއެވެ. އެނޫން ދެން ކޮންކަމެއްތޯއެވެ. އެއިރު އިންޑިޔާ އައުޓް ގޮވާއަޑެއް ނީވެއެވެ. މިއަދު އިންޑިޔާ އައުޓޭ ގޮވާއަޑު ގަދަވެފައި އެކަމަށް އެދޭ ރައްޔިތުން ގިނަ ނޫންތޯއެވެ.
ރައްޔިތުން ހަމަ ތިބެފައި އިންޑިޔާ އައުޓް ގޮވަނީ ނޫންކަން މުސްތަފާބޭއަށް ހަމަ ރަގަޅަށް އިގޭނެއެވެ. ހަމަ ތިބެފައި އައުޓު ވާށޭ ގޮވަނީއެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. އިންޑިޔާ އައުޓްގެ އަޑުގަދަވަނީ، ސަރުކާރުން ޢަމަލުކުރަމުންދާ ގޮތާއި، ފެންނަމުންދާ މަންޒަރުތަކާ ޢަމަލުކުރަމުންދާ ގޮތްތަކުގެ މައްޗަށް ބުރަވެވޭ އެއްބަސްވުންތަކާ ގުޅުވާލުމުން ނޫންތޯއެވެ. ދިވެހިންގެ ދޫތަކުން އިންޑިޔާއައުޓް ގޮވާ އަޑު ދެން މަޑެއްނުވާނެއެވެ. ދިވެހިންގެ އަތްތަކުން އިންޑިޔާ އައުޓް ދިދަތައް ވިހުރުވާލާ މިންވަރުވެސް މަދެއް ނުކުރެވޭނެއެވެ. އެވަރުގެ ހިތްވަރެއްވެސް އަދި ފަންވަރެންވެސް މުސްތަފާބޭމެންގެ ކިބައަކު ނެތްކަން މިހާރު ޔަގީން ވެއްޖެއެވެ.
މުސްތަފާބޭ ނިކަން ދެކި ބަލާށެވެ. ދިވެހިންގެ އަމިއްލަވެރިކަމާ މިނިވަންކަމުގެ ބާރުތައް ރާއްޖޭގެ ރަށްތަކުގެ މައްޗަށް ފާއިތުވެދިޔަ ޒަމާންތަކުގައި ފެތުރިގެން ދިޔައީ އޭގެ އެންމެ އުސްމިނުގައި ނޫންތޯއެވެ. ބަޔަކު މީހުން އައުޓު ނުވެގެން ހަޅޭފަޅޭ ޖަހަން ޖެހުނު ހެއްޔެވެ. އަދި ހަޅޭކެއް ލެއްވިޔަސްވެސް ބަޔަކަށް ހިލަމެއް ވެފައިވެސް ނެތެއް ނޫންތޯއެވެ. އެކަމަކުން އުދަގުލެއް ވާންވީ މީހަކަށް މެނުވީ އުދަގުލެއް ވެފައި އެބަ އޮތްތޯއެވެ. އައުޓު ވާންވީ ކޮން އެއްޗެއްކަން ނޭގިގެން ބަޔަކު މީހުންނަށް އުޅެން ޖެހުނުތޯއެވެ. އައުޓު ވާންވީމާ އައުޓު ކޮށްގެން، އައުޓު ނުވާންވީމާ އައުޓު ނުކޮށް، އަމިއްލަ ހާލާއިގެން އުފާ ފާގަތި ކަމުގައި ދިވެހިން އުޅެމުން ގޮސްފައިވަނީ ކޮންފަދަ އަރާމަކާއި އުފަލެއްގައި ހެއްޔެވެ.
މުސްތަފާބޭއެވެ. މިއަދު އެހެންތޯއެވެ. ރާއްޖޭގެ އެތައް މިތަނުގައި ތަނުއެޅި ކުނާގަނޑެއްހެން އިންޑިޔާ ސިފައިން އެތިބެނީ ހޭނަކަތު ދޫނި އަންނަތަން ބަލަންތޯއެވެ. މިއަދު ހުންނެވި ދާޚީލީ ވަޒީރަށް އިންޑިޔާ އައުޓް ކަމުނުގޮސްގެން ތިޔައުޅެނީ ލިބެމުންދާ މާއްދިއްޔަތުގެ ބޮޑު ކޮތަޅުތައް ލިބުމުގައި ހުރަސްތަކެއް ކުރިމަތި ވަމުންދާތީކަމުގައި ރައްޔިތުން މިއަދު ގަބޫލުކުރަން ފަށަައިފިއެވެ. މުސްތަފާބޭއެވެ. މިއީ ކިހައި ދެރަ މައްސަލައެއްތޯއެވެ.
ޕޮލިސް ކޮމިޝަރ އާއި ދާޚީލީ ވަޒީރާ އެނޫންވެސް ސަރުކާރުގެ އިސްވެރިން ރައްޔިތުންގެ ބޮލުގައި އަޅުވަމުންދާ ބޮޑު އިލްޒާމަކީ، އިންޑިޔާ އައުޓް ކެމްޕޭނުގައި އުޅޭ ފަރާތްތަކަކީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ބައެއްގެ ގޮތުގައި ނޫންތޯއެވެ. އަދި އޭގެ އިތުރުން އެމީހުންނާ މަސްތުވާ ތަކެއްޗާ ގުޅުވަން ކުރަމުންދާ ނޭއްގާނީ މަސައްކަތްތަކަކީ، އަޑިނޭގެ އެއްބަސްވުންތަކުގައި މަތިޖަހާ ފޮރުވަން ގެންގުޅޭ ފިޔަނެއްގެ ގޮތުގައި ނޫންތޯއެވެ. މުސްތަފާބޭމެން ތިޔައުޅުއްވާ ގޮތްތައް ރައްޔިތުން ދުރުމީތަކުން އެދަނީ ބަލަމުންނެވެ. މުސްތަފާބެއެވެ. ކުރަމުންދާ ކަންތައްތައް އަރާ ހަމަކުރާނެ ދުވަހަކާއި ވަގުތު އަންނާނެއެވެ. އެއީ ދުނިޔެވީ ތަބީއަތެވެ. ތާރީޚު ހެކިދޭ ގޮތެވެ. އެކަމަށް އިންސާފުކުރާނީ ރައްޔިތުންގެ ކޯޓުންނެވެ.
އެހެންނަމަވެސް، މުސްތަފާބޭމެންގެ ހަނދާނުގައި އެކަން ބަހައްޓައިފިނިމަ ކިތައްމެހާވެސް ރަގަޅެވެ. މަސްތުވާ ތަކެއްޗާ، ދީނީގޮތުން ހައްދު ފަހަނައަޅާ ދިޔުންފަދަ ކަންކަމަކީ މުސްތަފާބޭމެން އިންދާ ހައްދަމުންދާ ގޮތް ނޭގޭ ބޮޑެތި ގަސްތައް ފަދަ އެއްޗެއް ނޫންތޯއެވެ. މުސްތަފާބެއެވެ. އިންޑިޔާ އައުޓް ގޮވާނެއެވެ. އެކަމާ މުޅި ސަރުކާރު ލަދުގަންނާނެ ކަމެއްނެތެވެ. އައުޓު ވާންވީ ކޮން އެއްޗެއްކަން މުސްތަފާބޭއަށް ދާދި އަވަހަށް ކަށަވަރުވެ ޔަގީން ވެދާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކަން ތަރުތީބުވެގެންދާނީ ގައުމަށް ފައިދާ ހުރި ގައުމުދެކެ ލޯބިވާ ބަޔަކު ކުރަމުންދާ ގައުމީ މަސައްކަތެއްގެ ގޮތުގައެވެ. މީ އަޅެ ފަހެ ދޮގެއްތޯއެވެ.
ކޮމެންޓު ފޮނުވާ