މާލެ ރައްޔިތުންނަށް ގޯތިދޭ އުސޫލު މެންބަރުންނާއި ހިއްސާކުރަނީ

މާލެ ރައްޔިތުންނަށް ގޯތިދޭ އުސޫލު މެންބަރުންނާއި ހިއްސާކުރަނީ

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިއުލާނުކޮށްފައިވާ މަޝްރޫޢުގެ ދަށުން ބިންތައް ދޫކުރާނެ އުސޫލު އެކަށައަޅައި އެ އުސޫލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލެއަށް ނިސްބަތްވާ މެންބަރުންނާ މަޝްވަރާކުރައްވާނެ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެ މައުލޫމާތު ހިއްސާކުރެއްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލެއްގައި ޖަވާބުގައެވެ. މީކާއީލް ސުވާލުކުރެއްވީ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރެވޭނެ އުސޫލު އާންމުކުރާނެ ތާރީހެއް އޮޅުންފިލުއްވުމަށެވެ.

ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އެ އުސޫލާ މެދު މަޝްވަރާކޮށްލުމަަށް މާލޭގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރެއްވުމަށް ދަންނަވާލާނެ ކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ، އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތައް ޙާމަކުރެއްވިއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ފަށައިގެން ކުރިއަށްދާކަމަށް ރިޔާސީ ބަޔާނުގައި އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ކަމަށެވެ. އަދި އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފަށްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *