އަގުކުޑަކޮށް، އަނެއްކާވެސް 6 އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ

އަގުކުޑަކޮށް، އަނެއްކާވެސް 6 އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2022 08:47
0

ރާއްޖޭގެ 6 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހުޅުވާލި ފުރުޞަތުގައި، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ހުށައެޅޭނެ އެންމެ ދަށް އަގު 3000000(ތިން މިލިއަން) ޑޮލަރަށް ކުޑަކޮށް، ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

އުސޫލަށް ގެނައި ބަދަލުގައިވަނީ މުޅި އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ މަޝްރޫޢުން ބައެއް ތަރައްޤީކުރުމަށް ފައިނޭންސް ކުރެވޭގޮތަށް ހުޅުވާލާފައެވެ. އަތޮޅުތަކުގެ 6 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމަށް އިޢުލާންކޮށް އެ ފުރުޞަތު ސަރުކާރުން ހުޅުވާލީ ނިމުނު 2021ވަނަ އަހަރުގެ ޑިސެންބަރު 21ގައެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކަކީ ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ.މަގޫދޫގެ އިތުރުން ރ.އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓް ތަރައްޤީކުރުމަށެވެ. މި 6 އެއަރޕޯޓް ތަރައްޤީކުރުމަށް 133މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ލަފާކޮށްފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އެއާޕޯޓް އަޅާ ރަށްތަކާއި ލަފާކުރާ ހަރަދު:

–  ހދ. މަކުނުދޫ / 23.3 މިލިއަން ޑޮލަރު

–  ފ. ބިލެއްފަހި / 23.6 މިލިއަން ޑޮލަރު

– ބ. ތުޅާދޫ / 21.9 މިލިއަން ޑޮލަރު

– ތ. ވިލުފުށި / 33.3 މިލިއަން ޑޮލަރު

–  ފ. މަގޫދޫ / 8.2 މިލިއަން ޑޮލަރު

–  ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއްގައި / 23.6 މިލިއަން ޑޮލަރު

މި މަސައްކަތަށް ކުރިން ހުޅުވާލާފައިވަނީ ޝައުގުވެރިކަން ފާޅުކުރުމުގައި މުޅި އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށްވެސް ހުށަހެޅޭގޮތަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރުމުގައި އެއަރޕޯޓެއްގެ ތަރައްޤީއަށް އެންމެ މަގުދުވެގެން ހުށައެޅޭނެ ފައިސާގެ އަދަދަކީ 5 މިލިއަން ޑޮލަރުކަމަށް ކަނޑައަޅާފައިވެއެވެ. ނަމަވެސް ޕްލޭނިންގ މިނިސްޓްރީން މިހާރު އިޢުލާންކޮށްފައި މިވަނީ މުޅި އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ އޭގެއިން ބައެއް ތަރައްޤީކުރުމަށް ފައިނޭންސް ކުރުމަށް ހުށައެޅިދާނެކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެންމެ މަދުން ހުށައެޅޭނެ އަގުވަނީ 5 މިލިއަނުން 3 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

މި ޕްރޮޖެކްޓަށް ހުޅުވާލާފައިވަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުންނެވެ. ފައިނޭންސް ކުރުމުގެ އުސޫލު ކަނޑައަޅާފައިވަނީ އެއަރޕޯޓް ތަރައްޤީކުރުމަށް ދޭ އިންވެސްޓްމަންޓް އަދަދު އެ މަޝްރޫއެއްގެ މުޤާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓް އަދި އެތަނެއްގެ ބިމުގެ ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދާ އަޅައި ކަނޑައި ދޭގޮތަށެވެ.

މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ)ގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އީމެއިލުން ނަމަ ފޮނުވާނީ، [email protected] އަށެވެ. އަދި ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ޝައުގުވެރިކަން ފާޅުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.