ޢިލްމު އިންސްޓިއުޓްގެ ފަރާތުން ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ކީރިތި ޤުރުއާން ކިޔެވުމުގެ ހުނަރާއި ތަޖުވީދުގެ ފަންނާއި ރާގު ދަސްކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމުގައި ކިޔަވާދެއްވަނީ ޢިލްމު އިންސްޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ މީހުން އެދިފައިވާކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތު ދީފައިވެއެވެ. މިއީ ހަފްތާއަކު ތިން ދުވަހު ބޭއްވޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ކިޔަވާދެއްވަނީ ޢިލްމު އިންސްޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ މީހުން އެދިފައިވެއެވެ. މިއީ ހަފްތާއަކު ތިން ދުވަހު ބޭއްވޭ ޕްރޮގްރާމެކެވެ. pic.twitter.com/PfQvJCbfo0
— Ilm Institute (@ilminstitutemv) February 13, 2022
ރާއްޖޭގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ޤުރުއާން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހި ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސް 100 ހާފިޒުން ތައްޔާރު ކުރުމަށް ޚާއްސަ ޕްރޮގްރާމެއްވެސް އެއިންސްޓިއުޓުން ވަނީ ފަށާފައެވެ.
100 ޙާފިޒުން އުފެއްދުމުގެ މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ރާއްޖޭގައި ޙާފިޒުން އިތުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފިޒިކަލް ކުލާސްތައް މިވަގުތު ކުރިއަށް ދާނީ މާލޭގައި އެކަންޏެވެ. އޮންލައިން ކުލާސްތައް މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދެވޭނެއެވެ. ޢިލްމުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޢިލްމުގެ ފިޒިކަލް ޙިފްޒު ކެމްޕަސްއެއް ޤާއިމު ކުރުމެވެ.