ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އެއްވެސް ބިލަކަށް އެމްއެންޕީން ތާއީދު ނުކުރާނެކަމަށް އެޕާޓީން ބުނެފިއެވެ.
އެމްއެންޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިހްތިރާމްކުރަން ޖެހޭ ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މަޖިލީހަށް ބިލެއް ހުށަހަޅައި ފާސްކުރެވިދާނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީން ޤަބޫލުކުރާ ގޮތުގައި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮތުމަކީ ޑިމޮކްރެސީއެއްގެ އެންމެ އަސާސީ އެއް ސިފަކަށްވަނީ ބުނެފައެވެ. ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤެއް ޤާނޫނަކުން ނިގުޅައިގަނެވޭނެ ކަމީ ދެކޭ އުސޫލާ ހަމައެއް ނޫންކަމަށާއި، އަދި ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫން އަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤަކަށް އުނިކަން އަންނަ ކަމަކަށް މިޕާޓީން ތާޢީދު ނުކުރާ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަނީ އަރުވާފައެވެ.
މީގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ހުރިހާ މެންބަރުން ވަކިކޮށްފައި މިވާ ދަނޑިވަޅުގައި މިބޭއްވުނު ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރި ކަންކަން ބެލުމަށް މިވަނީ ނުކުޅެދިފައިކަން އެޕާޓީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމަށްޓަކާ އިންތިޚާބުތަކާ ގުޅޭ ޤާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހެ ކަމަށާއި، އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާނެކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ.
އެމްއެންޕީން މަސައްކަތް ކުރަނީ ކުރިއެކޭވެސް އެއްގޮތަށް ޕާޓީގެ މެންބަރުން އިތުރުކުރުމަށާއި، 2023 ވަނަ އަހަރަށް އެމްއެންޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ރައްޔިތުންގެ ގާތަށް ކުރާ ދަތުރުތައް އަވަސް ފުރުސަތެއްގައި ފެށުމަށްކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ