އިންޑިއާ އައުޓް ހަރަކާތަކީ ޑްރަގާއި ގުޅުންއޮތް، ޤައުމީ ސަލާމަތަށް ނުރައްކާ ބޮޑު ކެމްޕެއިނެއް ކަމުގައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ޙަރަކާތުގެ ސަބަބުން ކުރިމަތިވާ ކަންކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން ވަނީ ނިންމާފައެވެ. "އިންޑިއާ އައުޓް" ޙަރަކާތުގެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ސިޕި ހަމީދު ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތުން ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރަށް ޤައުމުގެ ދާޚިލީ ސަލާމަތައްވެސް ނުރައްކާ އެބައޮތްކަމަށެވެ. މިފަދަ ޙަރަކާތްތަކުން ދިމާވެދޭނެ ނުރައްކަލަކުން ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންނަށްވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވާކަން ސީޕީ ފާހަގަކުރެއްވިއެވެ. މިގޮތުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ތަރަހައިން ބޭރުގައި ހިންގާ ޙަރަކާތްތަކާއި ކުށްކުރާ ފަރާތްތައް މިފަދަ ހަރަކާތްތައްކަށް ވައްދައިގެން ނުރައްކަތެރި އަމަލުތައް އެމީހުންގެ ފުށުން ފެންނަކަން ފާހަގަކުރެއްވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުށް ކޮށްގެން މުއްސަނދިވެ އެކައުންޓުތަކުގައި މިލިއަނުން ފައިސާ ރޯލް ކުރާ މީހުން ނިސްބަތްވާ 10 ގޭންގެއް އުޅޭ ކަމަށެވެ. އެ ހުރިހާ ގްރޫޕެއްގެ ވެރިން ވެސް އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ މިހަރަކާތަކީ މިލިޔަނުން ފައިސާ ޚަރަދުކޮށްގެން މިފަދަ އޯގަނައިޒޭޝަންތަކުން ހިންގަމުންދާ ހަރަކާތެއްކަމަށެވެ. އަދި މިކަން ކުރުމުގެ ފަހަތުގައި ހުރި އަސްލު މަގްސަދުތަކާ ބެހޭ އިންޓަލިޖެންސް އެސެސްމަންޓެއް މިހާރު ހަދާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
މިއީ އެހެން ދައުލަތަކާ ގުޅުވައި ހިންގާ ހަރަކާތެއްކަމުން އެހެނިހެން ގޮންޖެހުންތައްވެސް ކުރިމަތިވުމަކީ އެކަށީގެންވާކަމެއް. ޚާއްސަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކިކަންކަންވެސް އެކުވެރި ދައުލަތްތަކާ ގުޅިފައި އޮވޭ.
– ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެއީ ހަމައެކަނި ދިވެހި ފުލުހުންގެ މަސައްކަތުން ހޯދާ ތަކެއްޗެއް ނޫނެވެ. އެކަން ކުރުމުގައި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނަމަވެސް އިންޑިއާ އައުޓް ހަރަކާތުގައި ގޭންގުތަކުން ބައިވެރިވަނީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް ބުރޫއަރާ ކަމެއް ކުރާކަމުގެ މައުލޫމާތެއް ފެނިފައި ނޫނީ ލިބިފައި ނެތް ކަމަށާއި ދުނިޔޭގެ ސްޓްރެޓެޖިކް ސެކިއުރިޓީ ކަންތައްތަކުގައި އެއް ގައުމުން އަނެއް ގައުމުން އެހީވުމަށް، އެކި ގައުމުގެ ސިފައިން ހަރަކާތްތެރިވާކަން ސީޕީ ވަނީ ފާހަގަ ކުރައްވާފައެވެ.