ދުނިޔޭގެ ގައުމުތައް ތަރައްގީއާއި ތަމައްދުނުގެ ރޮގުގައި ކުރި އަރައިގެން ގޮސްފައިވާ ގޮތާއި، އަދި ހާލަތު ބަދަލުވެގެން ދިޔަ މަރުހަލާތަކުގައި އެ ގައުމުތަކުން ކޮށްފައިވާ ތަޖުރިބާތަކަކީ އަބަދުވެސް، ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާ ކިޔާލެވޭ ކަންކަން ކަމުގައި އޮންނަނީ ވެގެން ގޮސްފައެވެ.
މިގޮތުން އަދުގެ ދުނިޔޭގައި އެންމެ ތަރައްގީވެގެން ގޮސްފައިވާ ހުޅަނގުގެ ގައުމުތަކާއި، އަދި އޭޝިއާ ސަރަހައްދުން ސިންގަޕޯރ ފަދަ ގައުމުތައް އެންމެ ބައި ގަރުނެއްހާ މުއްދަތުގެ ތެރޭގައި ވިޔަފާރިއާއި އިންސާނީ ވަސީލަތުގެ ގޮތުން ކުރިއަރައިގެން އައި ގޮތަކީ ދުނިޔޭގެ އެހެން ގައުމުތަކަށް އޮތް މިސާލެއް ކަމުގައި ސިފަކުރެވެމުން ދިޔަނަމަވެސް، މިމަގުން އަދުގެ ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދަތުރު ކުރަމުންނެއް ނުދެއެވެ.
މިގޮތުން ރާއްޖެއާއި މާދުރު ނޫން، އެހެންނަމަވެސް ކުޑަ ގައުމެއް ކަމުގައިވާ ސިންގަޕޯރއަށް ބަލާލަމާތޯއެވެ. ސިންގަޕޯއަކީ އެއްވެސް އިރަކު، ހުލަގުގެ ގައުމުތައް މިއަދު ބަލައިގެންފައިވާ ޑިމޮކްރަޓިކް ނިޒާމު އެގައުމުގައި އޮތް ގައުމެއް ނޫނެވެ. އަދި އެގައުމުގެ ތަރައްގީގެ ބާނީގެ ގޮތުގައި އެގައުމުގެ ރައްޔިތުން ދެކޭ، ލީކުއާން ޔޫއަކީ، ޑޮމޮކްރަސީގައި ހުޅަނގުން ވަކާލާތުކުރާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، އަދި އެނޫނަސް ގާނޫނު އަސާސީން ލިބިދޭންޖެހެ ކަމަށް ވަކާލާތު ކުރާ މިނިވަންކަމާއި އަސާސީ ހައްގުތައް އެއީ ތަރައްގީގައި މުހިންމު ދައުރެއް އަދަކުރާ ކަންކަމުގައި ދެކެމުން އައި ލީޑަރެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ދެކެމުން އައިސްފައިވަނީ، ގައުމުގެ ލީޑަރުންނަކީވެސް، އަދި ރައްޔިތުންނަކީވެސް ވަގުތު ބޭކާރު ނުކޮށް އުފެއްދުންތެރި ކޮންމެވެސް މަސައްކަތެއްގައި ވަގުތު ހޭދަކުރަން ޖެހޭނޭ ބައެއްކަމެވެ.
ނަތީޖާއެއްގެ ގޮތުން، 20ވަނަ ގަރުނުގެ މެދުތެރެއާއި ހިސާބުގަވެސް ފަގީރު ގައުމެއްގެ ގޮތުގައި އޮތް ސިންގަޕޯރު އެންމެ ބައި ގަރުނެއްހާ މުއްދަތުގައި ދުނިޔޭގައި އޮތް އެންމެ ތަރައްގީވެފައިވާ އެއްގައުމު ކަމުގައި ވެގެން ދިޔައެވެ. އަދި ސިޔާސީ ބައިބައި ވުމާއި، މުޅި ގައުމުގެ އެންމެން ސިޔާސީ ވެގެން އުޅުމާއި، އޭގެ ނަތީޖާއެއްގެ ގޮތުން އުފެދިގެންދާ ބައިބައިވުންތަކެއް އެގައުމުން ފެންނާކަަށް ނެތެވެ.

ހަމަ އެފަދައިން، ދުނިޔޭޣެ އެންމެ ވަރުގަދަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ޖަޕާންފަދަ ގައުމުތަކަކީވެސް، މިއުސޫލުން ތަރައްގީއާއި ދަމައްދުނުގެ ރޮގުގައި ކުރިއަރައިގެން ގޮސްފައިވާ ގައުމެއްގެ ގޮތުގައި މިއަދު ފެންނާން އޮތް ގައުމެކެވެ. އެމެރިކާ އަދި ޗައިނާއަށްފަހު 3 ވަނައަށް ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އިގްތިސާދު ކަމުގައިވާ ޖަޕާނަކީވެސް އެގައުމުގައި ސިޔާސީ ހަމނުޖެހުމެއް ނެތް، ބަރުލަމާނީ ނިޒާމެއް އޮތް ގައުމެކެވެ. އަންނަ އާންމު އިންތިޚާބުތަކާއި ރައްޔިތުން ވޯޓު ލައިގެން ލީޑަރަކު އިންތިޚާބު ކުރުމަށްފަހު، ގައުމު ތަރައްގީ ކުރުމަށް ފުރުސަތު ލިބިގެން ދެއެވެ. ދައުރުތައް ބަދަލުވުމަކީ ހަމަ ޖެހުމާ އޮމާންކަމާއެކު އަބަދުވެސް ކުރިޔަށްދާ މަރުހަލާއެކެވެ. ތާއަބަދު ސިޔާސީ މުޒާހިރާތައް ކުރުމާއި އެއްވުންތައް ބޭއްވުމާއި، އަދި އެނޫން ސިޔާސީ ހަރަކާތްތަކުގައި ޝާމިލްވެ އުޅުމުގެ ބަދަލުގައި ރައްޔިތުންގެ ޝައުގުވެރިކަމާއި ގުޅިފައި އޮންނަނީ އާމްދަނީ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތަކާއެވެ.
އާބާދީގެ ބޮޑު ބަޔަކު ތިބީ ސިޔާސީ ޖަޒުބާތުގައި! ރާއްޖޭގެ ހާލަތު!
2008ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގެންފައިވާ އާ ޑިމޮކްރަސީއާއި، ގާނޫނު އަސާސީން ލިބި ދީފައިވާ އަސާސީ ހައްގުތަކާއި، އަދި ވެރިކަމުގެ ނިޒާމަށް އައި ބޮޑު ބަދަލަށްފަހު ފާއިތުވެ ގޮސްފައިވާ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ގައުމަށް އެއްވެސް ގޮތަކުން ހަމަ ޖެހުމެއް އައިސްފައެއް ނުވެއެވެ.
އަދި އަމުދުން އެއަށްފަހު އުފެދިގެން ގޮސްފައިވާ ސިޔާސީ ޕާޓީތަކުގެ ޒަރީއާއިން، ނުކުމެފައިވާ އެންމެ ބޮޑު އެއް ނަތީޖާއަކީ ޚިޔާލު ތަފާތުވުމާއި، އަމިއްލަ ޕާޓީގެ ފިކުރުގައި ތިމާމެން ވަޖިދުވަދެ، ޖާނާއި މާލު އެކަމަށްޓަކާ ގުރުބާން ކުރުމުވެ. އަދި ގިނަފަހަރަށް ގިނަ ބަޔަކު ސިޔާސީ ޕާޓީތަކުގެ ފިކުރު ގަބޫލު ކޮށްފައިވަނީ، ދީނަކަށް ތަބާވުމެކޭ އެއް އުސޫލަކުން ކަމުގައިވެސް ދެންނެވި ދާނެއެވެ.
ސަބަބަކީ، އަނބި ދަރިންނާއި މައިން ބަފައިންވެސް ދޫކޮށް، ތިމާ ތާއީދު ކުރާ ޕާޓީގެ ފަހަތުން ދުވެ، އެ ޕާޓީއަށްޓަކާ ގުރުބާން ވުމުގެ ސަގާފަތް މިއަދު މިއޮތީ ވަރަށްވެސް ބޮޑަށް އަށަގެންފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ފަހަރަށް ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދޭ ޚިޔާލު ތަފާތުވުން ތަކާއި، ހަމަނުޖެހުންތައް އާއިލީ ގުޅުމުގެ ތެރެއަށްވެސް ފޭދި، ސިޔާސީ ބައިބައިވުން ވެގެން ގޮސްފައިވަނީ މުޅި ގައުމަށް ފެތުރިގެން ގޮސްފައިވާ ބަލިމަޑު ކަމަކަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންނަކީ، ތިމާމެންގެ އަމިއްލަ އުފެއްދުންތެރި ކަމާމެދު ނުވިސްނާ، އަދި އޭގެ އިތުރުން ގައުމުގެ އިގްތިސާދު ކުރިއަރުވާ، އިގްތިސާދީ ހަރަކާތްތައް އިތުރު ކުރުމުގައި ބައިވެރިންނަށް ވެގެން ދިއުމުގެ ބަދަލުގައި، ހުރިހާ ހަކަތައަކާއި ބުންވަރެއް ބޭކާރު ކޮށްލެވިގެން ދަނީ ސިޔާސީ ކަންކަމާއި، އެކަންކަން ކުރި އެރުވުމުގައެވެ.

އެހެންނަމަވެސް، މިއަދު ގަބޫލުކުރަން ޖެހިފައިވާ އެންމެ ބޮޑު ހަގީގަތަކީ، ނިކަމެތި ރައްޔިތު މީހާ ގުރުބާން ކޮށްގެން ސިޔާސީ ކަންކަން ކުރިއަރުވާ، އެހެންނަމަވެސް އޭގެ ހަގީގީ މަންފާ މަދު ބަޔަކަށް ނަގަމުން ދާކަމެވެ. އާންމު ރައްޔިތު މީހާގެ ހާލަތަށް ބަދަލެއް ނާންނަ ކަމެވެ.
ހުރިހާވެސް ގެއްލުމެއް ގައުމަށް!
ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ އިންތިޚާބެއް އަޔަސް ނަޔަސް އަބަދުވެސް މުޅި ގައުމު ސިޔާސީ ވެފަ އޮންނަ ގައުމެއްގެ ގޮތުގައެވެ. ގައުމުގަައި ސިޔާސީ ގޮތުން އެންމެ ކުރިޔަށް ނިކުމެ ތިބި ފަރާތްތަކަކީ، ގައުމުގައި ތިބި އިލްމާއި ހިލްމުގެ ރޮގުން ކުރިއަރާފާއި ނެތް މީހުންނަށް ވަނީ ވެގެން ގޮސްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެކި ދާއިރާތަކުން ތައުލިމާއި ތަޖުރިބާ ހާސިލް ކޮށްގެން ތިބި ފަރާތްތަކުގެ ބައިވެރިވުން ގައުމީ ތަރައްގީއާއި ގުޅުންހުރި ކަންކަމުގައި މިއަދު ރާއްޖޭގައި ކުޑަ ކަމުގައި ދަންނަވަން ޖެހެއެވެ.
އޭގެ ހަގީގީ ގެއްލުން ކުރަމުންދަނީ ގައުމަށެވެ. އަސަރު ފެންނަމުންދަނީ އާންމު ރައްޔިތު މީހާގެ ދިރިއުޅުމުންނެވެ. ފާއިތުވެދިޔަ 15 ވަރަކަށް އަަހަރު ދުވަހުގެ ތެރޭގައި ގައުމުގެ ވެރިކަމަށް އައި ހުރިހާ ސިޔާސީ ފަރާތްތަކުންވެސް ވެފައިވާ ވައުދަކީ ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލާނެ ކަމުގެ ވައުދެވެ. ބޯހިޔާވަހިކަން ފޯރު ކޮށްދޭނެ ކަމުގެ ވައުދުތަކެވެ. އާންމު ރައްޔިތު މީހާއަށް ދައްކަމުން ގޮސްފައިވަނީ، ރަށު ބަންދުން މިންޖުވާނޭ ކަމުގެ އުއްމީދުތަކެވެ. ދަތުރު ފަތުރުގެ ނިޒާމުން މުޅި ގައުމު ގުޅުވާލާ، ޖީބަށް ޑޮލަރުވަދެ، ކޮންމެ ޗުއްޓީއަކަށްވެސް ގައުމުން ބޭރަށް ދަތުރު ކޮށްލާ ހަދާލެވޭނެ ވަރުގެ ތަނަވަސް ރައްޔިތުންނަށް ވެގެން ދާނޭކަމުގެ ހުވަފެންތަކެވެ.

އެހެންނަމަވެސް އަހަރަކަށްފަހު އަހަރެއް ފާއިތުވެ، އޭގެ މައްޗަށް ޒަމާންތައް ބަދަލުވެ، ދުނިޔެ ދައުރުވަމުން ދަނީއެވެ. ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލެވިފައެއް ނުވެއެވެ. ބީހިޔާވަހި ކަމެއް ނުލިބުނެވެ. ރައްޔިތުންގެ ހާލަތު ބަދަލެއް ނުވެއެވެ. ހާލަތު ދަނީ ދުވަހެއް ދަށަށެވެ. މިއީ ހަގީގަތުގައިެވެސް މުޅި ގައުމު ސިޔާސީ ވުމުގެ ނަތީޖާއެވެ. އަމިއްލަ ޕާޓީއަކީ ދީނެއް ފަދައިން ބަލައިގަނެވުމުގެ ނަތީޖާވެސްމެއެވެ. އަދި ގައުމުގައި ސިޔާސީ ހަމަނުޖެހުން އާންމުވެ، އޭގެ ޖަޒުބާތުގައި އެންމެން ޖެހިގެން ދިއުުގެ ނަތީޖާއެވެ. މި ނޫންދުވަހެއް އަންނާނީ، ސިޔާސީ ކަންކަމާއި އަންމު ރައްޔިތުންގެ ޖަޒްބާތުތަކާއި ވަކިވެ، ތިމާމެންގެ ހިއްސާ އެންމެ ފުރިހަމަ ގޮތުގައި މުޅި މުޖުތަމައަށް ލިބިގެން ދަނޭ ދުވަހެއް އައި ދުވަހަކުންނެވެ.