ކްރެޑިޓް ރޭޓިން ކުންފުނި، ފިޗަކީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދަންނަ އެއްޗެއް ނޫންކަމަށްބުނެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެެވެ.
ފިޗުން އާންމުކުރި ރޭޓިންގައި ރާއްޖެ ވަނީ ކްރެޑިޓް ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފައެވެ. ސަބަބެއްކަމަށް ފިޗުން ބުނެފައިވަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުންކަމަށެވެ. ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަން އޮތްކަންވެސް ފިޗުން ފާހަގަކޮށްފައިވެއެވެ. ފިޗުން ލަފާކޮށްފައިވާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އަޑިއަޅާލުމުން އަރައިގަނެވޭނީ 2022 ވަނަ އަހަރުއެވެ.
ފިޗުގެ މި ރޭޓިން ތަކާއި ގުޅިގެން މުސްތަފާ ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ ދުނިޔޭ އެންމެ ބޮޑު ކުރެޑިރޭޓިން އެޖެންސީ ފިޗުން ރޭޓިން ދިނީ މާލީ ވަޒީރު ގަބޫލު ކުރޭތޯ ނުކުރޭތޯ ބަލާކަށެއް ނޫންކަމަށެވެ. ދުނިޔޭގެ ބެންކްތަކާއި އިންވެސްޓަރުން ލޯނުދޫކޮށް އިންވެސްޓްކުރަން ބަލާ މިންގަނޑަކީ ފިޗް ރޭޓިންކަމަށެވެ. އެއީ ވަކި މީހަކު ހިންހަމަ ޖައްސަން ނުވަތަ ވަކި މީހަކު ބުނާހަ ގޮތަކަށް ނެރޭ ހިސާބުތަކެއް ނޫންކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
ފިޗް ރޭޓިން ދުނިޔޭގެ ކުރެޑިޓް ރޭޓިން އެޖެންސީ ތަކެއް ފަލަމަޑިވަޒީރަކަށް ނޭނގޭނެ! ޢަރި އަތޮޅު ހަނިފަރު ރިސޯޓު ހިއްސާ ގަތީ ކިހިނެތް ހޯދި ފައިސާއިންތޯ މަޖިލީހުން ފަލަމަޑި ވަޒީރާ ސުވާލު ކޮށްބަލަ!
– މުހައްމަދު މުސްތަފާ
ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް، މި ދަތި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ފިޗުން ބުނީ ރާއްޖޭން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދު ކަމަށެވެ. އަދި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެ އަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންވެ ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އާއި ފިޗަށެވެ. މި ބޭނުމަށް މި ދެ ކުންފުނިން، ރާއްޖެއާ ގުޅޭ ތަފާސް ހިސާބުތަކާއި މައުލޫމާތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިދާރާތަކުން ހޯދާނެ އެވެ. ފިޗްއިން ރާއްޖެ ރޭޓް ކުރިއިރު، ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓްކުރި، "މޫޑީސް އިންވެސްޓްމަންޓް ސާވިސް" އިން ބުނެފައިވަނީ އޭޝިޔާ ޕެޝިފިކް ގައުމުތަކުގެ ތެރެއިން ދަރަނި ދެއްކުމުގެ ގާބިލްކަން ދަށަށް ދިޔުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ