އިނގިރޭސި އެފް އޭ ކަޕްގެ ފަސްވަނަ ބުރުން އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި، އެވަޓަން ޖާގަ ހޯދައިފިއެވެ.
ސިޓީން މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި ޗެމްޕިއަންޝިޕްގެ އެންމެ ކުރީގައި އުޅޭ ފުލަމް އާއި ބައްދަލުކުރިމެޗް 4 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ. މިމެޗް ރަނގަޅަށް ފެށީ ފުލަމްއިންނެވެ. މިގޮތުން މެޗްގެ ހަތަރުވަނަ މިނެޓްގައި އުފެއްދި ހަމަލާ އެޓީމުން ނިންމާލީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ނަގައިގެންނެވެ.
ސިޓީއަށް ހައިރާންކަން ގެނުވާ އަދި މުޅި ދަނޑަށް މަޑުމައިރިކަން ގެނުވި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިމިދިޔަ ޓްރާންސްފަރ ބާޒާރުގައި ސިޓީގެ ވާދަވެރި ލިވަޕޫލުން އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ގެންދެވޭތޯ މަސައްކަތް ކުރި ފަބިއޯ ކަވާލިއޯއެވެ. ނަމަވެސް ފުލަމްއަށް މިލީޑު ދެމެހެއްޓޭ ގޮތްވީ އެންމެ މިނެޓަކަށެވެ. މެޗްގެ 6 ވަނަ މިނެޓްގައި ސިޓީގެ އިލްކައި ގުންޑޮގާން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ 7 މިނެޓްފަހުން ސިޓީއިން ވަނީ މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ.
މިލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ކޯނަރަކުން ޖޯން ސްޓޯންސްއެވެ. މިމެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ ރިޔާދު މަހްރެއިޒެވެ. އަދި ފަހު ލަނޑު އޭގެ ހަތަރު މިނެޓްފަހުން ޖަހައިދިނީވެސް މަހްރެއިޒެވެ. މިއީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ އަލްޖީރިއާއަށް ކުޅުމަށްފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މުބާރާތުގެ ފަސްވަނަ ބުރުން އެވަޓަން ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި ބްރެންޓްފަޑާއި ބައްދަލުކުރިމެޗް ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހައިދީ ޑިފެންޑަރ ޔެރީ މީނާއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ޖަހައިދިނީ ރިޗާލިސަންއެވެ. މިމެޗްގައި ބްރެންޓްފަޑއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އިވާން ޓޯނީއެވެ. ނަމަވެސް މެޗްގެ 62 ވަނަ މިނެޓްގައި އެވަޓަންގެ ދެގޯލްގެ ލީޑު ވަނީ މޭސަން ހޮލްގޭޓް ޖަހައިދިން ލަނޑާއެކު އަލުން ލިބިގެން ގޮސްފައެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ އެންޑްރޯސް ޓައުންސެންޑްއެވެ.
މިކާމިޔާބީއާއެކު އެވަޓަން މިވަނީ އެފް އޭ ކަޕްގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފައެވެ. އަދި އެޓީމްގެ ކުރީގެ ކޯޗް ރަފައެލް ބެނިޓޭޒްގެ ކޯޗުކަމުގެ ދަށުގައި ޓީމުން ހޯދަމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުންގެ ހިތުގައި ކްލަބްގެ އިސްވެރިންނާމެދު އުފެދިފައިވާ ހިތްހަމަ ނުޖެހުންތަކަށް ވެސް ވަނީ މިކާމިޔާބީ އާއި ލަމްޕާޑް އައުމާ ގުޅިގެން ފިލައިގެން ދާން ފަށާފައެވެ.
އަދި މިކާމިޔާބީއާއެކު އަނެއްކާވެސް އެވަޓަންގެ ސަޕޯޓަރުންގެ މޫނުމަތިން އުފާވެރިކަން ފެންނަމުންދިޔައެވެ. އެވަޓަންއަށް ކުރިއަށް ބޮޑެތި މެޗްތަކެއް ހުރި ނަމަވެސް ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިއީ ރަނގަޅު ފެށުމެކެވެ.