ރާއްޖެއިން އިތުރު 1،955 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 1،955 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 599 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 875 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 78 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 145،991 އަށް އަރާފައެވެ.
އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިވަގުތު 17،735 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 56 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 833 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 128،963 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،469 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 280 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.