އިރާނުން އެހީތެރިވެދޭ ހުތީން ޔޫއޭއީއަށް މިސައިލް ހަމަލާދިނުމާއި ގުޅިގެން ޔޫއޭއިގެ ދިފާޢު ވަރުގަދަ ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި އެގައުމުން ބައިވެރިވާން ނިންމާފައިވާކަން ފްރާންސުން ހާމަ ކޮށްފިއެވެ. މީގެ ތެރޭގައި ފްރާސްގެ ހަގުރާމަމަތީ ރަފްލް ފައިޓަރޖެޓް ޔޫއޭއީއަށް ފޮނުވުން ހިމެނޭކަމަށްވެސް އެގައުމުން ހާމަކޮށްފައި ވެއެވެ.
"ފާއިތުވި ޖެނުއަރީމަހު ދެވުނު ވަރަސް ސީރިއަސް ހަމަލާތަކެއްގެ ޝިކާރައަކަށް ޔޫއޭއީވަނީ ވެގެން ގޮސްފައި. ރަހުމަތްތެރި މިގައުމާއެކީ އޮތްކަން ސާބިތު ކޮށްދިނުމުގެ ގޮތުން، ބޭރުން އަންނަ ހަމަލާތަކުން ޔޫއޭއީގެ ވައިގެ ސަރަހައްދު ހިމާޔަތް ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައި،" ފްރެންޗް އާރމްޑް ފޯސެސް މިނިސްޓަރ ފްލޯރެންސް ޕާރލީ ޓުވިޓަރގައި ލިޔުއްވާފައި ވެއެވެ.
ފްރެންޗް އާރމަޑް ފޯރސެސް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، އަސްކަރީ އޮފަރޭޝަންތައް ހިންގުމަށް ހަމަޖެހިފައިވަނީ އަލް ދަފްރާ އެއަރ ބޭސްއިންނެވެ. އަދި އެމިރޭޓްސްއާއި ވަރަށް ގާތްކޮށް މަސައްކަތް ކޮށް، އެއްވެސް މިސައިލްއެއް އަދި ޑްރޯން ހަމަލާއެއް އާދޭތޯ މޮނިޓަރ ކުރެވެމުން ދާނެކަމުގައި ބުނެފައި ވެއެވެ.
ފާއިތުވެދިޔަ ބުދަ ދުވަހު ޔޫއޭއީން ހަމާކޮށްފައިވާ ގޮތުގައި، އެގައުމުގެ ވައިގެ ސަރަހައްދަށް، މީހޫން ނޫޅޭ ސަރަހައްދަކުން ވަތް ތިން ޑްރޯންއެއް ވަނީ ވައްޓާލާފައެވެ.
ހޫތީން މިސައިލުން ޔޫއޭއީއަށް ހަމަލާ ދިނުމާއި ގުޅިގެން، މިސައިލްތައް އަމާޒަށް ވާސިލް ވުމުގެ ކުރިން ހަލާކު ކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ހަގުރާމަމަތީ މަނަވަރަކާއި އަދި އެންމެ ފަހުގެ ފައިޓަރ ޖެޓްރައް ޔުއޭއީއަށް ފޮނުވަން ހަމަޖެހިފައި ވާކަމަށް އެމެރިކާއިންވެސް ވަނީ ފާއިތުވި ހަފްތާގެ ބުދަ ދުވަހު ބުނެފައެވެ.
ޔޫއޭއީގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވާ ގޮތުގައި، "މިހާރު ޔޫއޭއީއަށް ކުރިމަތި ވެފައިވާ ނުރައްކަލުން އެގައުމު ސަލާމަތް ކުރުމަށް" އެމެރިކާއިން އަސްކަރީ އެހީތެރިކަން އެގައުމަށް ފޯރު ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އެމެރިކާގެ ޑިފެންސް ސެކެޓްރީއާއި އަބޫދާބީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދު އަލްނަހުޔާން އާއި ދެމެދު ފޯނުން ކުރެވުނު މަޝްވަރާތަކަށް ފަހުއެވެ.
ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ހަގުރާމަ ކުރަމުންދާ އަރަބި ކޯލިޝަންގެވެސް ބައިވެރިއެއް ކަމުގައިވާ ޔޫއޭއީއަށް ފާއިތުވެދިޔަމަހު ހޫތީންވަނީ ތިން މިސައިލް ހަމަލާއެއް އަމާޒު ކޮށްފައެވެ. މީގެތެރެއިން ފުރަތަމަ ދިން ހަމަލާގައި ތެޔޮ ކާރުޚާނާގައި މަސައްކަތް ކުރަމުންދިޔަ 3 މީހަކު ވަނީ މަރުވެފައެވެ.
ކޮމެންޓު ފޮނުވާ