ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ، ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށަން ނިންމައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ވިދާޅުވީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރަމުންދާ ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ މާދަމާއިން ފެށިގެން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށަން ނިިންމާފައިވާކަމަށެވެ
ކުރީގެ ރަންވޭ އަކީ ފްލައިޓް ޖެއްސުމުގެ އިތުރުން ޓެކްސީވޭއެއްގެ ގޮތުގައިވެސް ބޭނުންކުރި ރަންވޭއެކެވެ. އެގޮތުން އިންޓަރނޭޝަނަލް ފްލައިޓެއް ނުވަތަ ބޮޑު ފްލައިޓެއް ޖެއްސުމާއިއެކު 13 ނުވަތަ 15 މިނިޓްވާއިރުވެސް ރަންވޭ ހުސްނުވެއެވެ. މީގެ ސަބަބުން ބައެއް ފްލައިޓްތައް ނުޖެއްސި ގިނަ އިރުތަކެއް މަތީގައި ހޭދަކުރަންޖެހެއެވެ. ނަމަވެސް އާ ރަންވޭ ބޭނުންކުރަން ފެށުމުން މިފަދަ ގޮންޖެހުންތަކަށް ހައްލެއް ލިބި، ގަޑިއިރެއްތެރޭ ޖައްސާ ފްލައިޓްތައް އިތުރުވެގެންދާނެއެވެ.
އައު ރަންވޭ ބޭނުންކުރަން ނުފެށި ލަސްވެގެންދިޔައީ، ސީޕްލޭން ޓަނމިނަލްގެ މަސައްކަތްތަކަށް ރަންވޭ ސަރަޙައްދު ބޭނުންކުރަން ޖެހުމުގެ ސަބަބުންކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެންމެ ބޮޑެތި ޕެސެންޖަރ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ތަރައްޤީކޮށްފައިވާ މި ރަންވޭއަކީ 3400 މީޓަރުގެ ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ މަސައްކަތްތައް ނިމި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ޓެސްޓް ފްލައިޓަކަށް ޖައްސާފައިވަނީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ރާއްޖެ އައި ދިވެހި ފުޓްބޯޅަ ޓީމު ދަތުރުކުރި، އޭ-ތްރީ އެއިޓީ މަރުކާގެ މަތިންދާ ބޯޓް ވެލާނާ އިންޓަރނޭޝަނަލްގެ އާ ރަންވޭއަށް ޖެއްސުމާއިއެކުގައެވެ.
ކޮމެންޓު ފޮނުވާ