ކުރީގެ ނާއިބު ރައީސް ޑރ.ޖަމީލް ގެންދަވަނީ އެބޭފުޅާ ނުރުހޭ ކޮންމެ މީހަކަށް ވަގަށް ގޮވަމުން ކަމުގައި ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅު ވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ކޮމަންޑޫ ދާއިރާގެ ބައިލެކްޝަންގައި ވާދަކުރައްވާ މޫސާ ފަތުޚީގެ ކެމްޕެއިންގައި މި ހަފްތާގައި ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، އެމްޑީޕީން އިދިކޮޅު ޕީޕީއެމްގެ ލީޑަރާއި، ޕީޕީއެމްގެ ބޮލުގައި ވައްކަން އަޅުވާއިރު، އެންމެ ބާރަށް އެންމެ ބޮޑަށް ވައްކަން ކުރަމުންދަނީ އެމްޑީޕީން ކަމަށެވެ.
އަދި މިއަދު ވެރިކަން ކުރާ އެމްޑީޕީއަކީ ވަގުންގެ ޕާޓީއެއް ކަމަށާއި، އެޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންކީވެސް ވައްކަމުގެ ބޮޑެތި ތުހުމަތު ކުރެވޭ ބައެއްކަމުގައި ކުރީގެ ނައިބް ރައީސް ޑރ.ޖަމީލް ވަނީ ވިދާޅު ވެފައެވެ.
ޑރ. ޖަމީލްގެ މި ވާހަކައަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައި ސައުދު ވިދާޅުވެފައި ވަނީ، ޑރ. ޖަމީލް ވަޑައިގަންނަވަނީ ތިމާ ނުރުހޭ އެންމެންނަކީވެސް ވަގުންނަށް ހަދަމުން ކަމުގައެވެ.
Dr. Jameel mi vadai gannavanee thimaa nuruhey komme bayakee vagunnah hadhamun?
Kurin PPM ga thibee hus vagun, miadhu e Party ragalhuve, MDP ga thibee hus vagunnah vejje.
Mi varuge meehunnakee siyaase leaderun kamuga dhekigen kihineh tho gaumeh aaraasthu kuraanee?@KhabaruOnline
— Saudulla Ahmed (@saudullaahmed1) January 30, 2022
ސައުދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ޑރ. ޖަމީލަކީ ކުރިން ޕީޕީއެމްގައި ތިބީ ހުސް ވަގުން ކަމުގައި ވިދާޅުވަމުން އައި ބޭފުޅެއް ކަމަށާއި އެހެންނަމަވެސް މިހާރު އެޕާޓީ ރަގަޅުވެ، މިހާރު އެމްޑީޕީގައި ތިބީ ހުސް ވަގުންނަށް ވެގެން ހިގައްޖެ ކަމުގައެވެ.
އަދި ސައުދުވަނީ، މިވަރުގެ މީހުންނަކީ ސިޔާސީ ލީޑަރުން ކަމުގައި ދެކިގެން ގައުމެއް އާރާސްތު ކުރާނީ ކިހިނަކުންތޯ ސުވާލު ކުރައްވާފައެވެ.
ޑރ. ޖަމީލަކީ، ޕީޕީއެމްއާއި ގުޅިވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. އަދި އޭރު އިދިކޮޅު ތިއްބެވި ސިޔާސީ އިސް ބޭފުޅުންގެ ތެރެއިން ރައީސް ޔާމިނަށާއި ޕީޕިއެމްގެ އިސް ބޭފުޅުންނަށް އެންމެ ގިނައިން ވަގަށް ގޮވި އެއް ބޭފުޅަކީވެސް ޑރ. ޖަމީލްއެވެ. އަދި އޭރު ޑރ. ޖަމިލް ވިދާޅުވެފައިވަނީ ރައީސް ޔާމިންގެ ވާހަކަތައް ސިފަވަނީ ފިރުއައުނުގެ ވާހަކަތަކާ އެއްފަދައިން ކަމުގައެވެ.
ރައީސް ޔާމިންގެ ނާއިބު ރައީސްކަމުން ވަކި ކުރެވުމާއިއެކު އޭރު ޖަމީލް މަސައްކަތް ކުރައްވަމުން ވަޑައިގެންނެވީ ރައީސް ނަޝީދާއެކީއެވެ. އެއަށްފަހު ފާއިތުވި ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގައެވެ. އަދި އެޕާޓީގެ ޓިކެޓްގައި ފާއިތުވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވާ ލިބިވަޑައިގަތީ 3 ވަނައެވެ.