ހޭންވޭރު ދަނޑުގައި ސާމްޕަލް ނެގޭނެ އިންތިޒާމު ހަމަޖައްސައިފި

ހޭންވޭރު ދަނޑުގައި ސާމްޕަލް ނެގޭނެ އިންތިޒާމު ހަމަޖައްސައިފި

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2022 01:24
0

ރާއްޖެއިން ކޯވިޑުގެ ނުރައްކާ އިތުރުވަމުންދާއިރު، މާލެ ސަރަހައްދުގައި އިތުރު ސަރަހައްދަކުން ސާމަޕަލް ނެގޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

ހެލްތު އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ސާމްޕަލް ނެގުމަށް ގިނަ ބަޔަކު ކިއުގައި ޖެހުުމުންދާތީ މާލެ ސަރަހައްދުގައި އިތުރު ސެންޓަރެއް ހެންވޭރު ދަނޑުގައި ގާއިމްކޮށްފައިވާކަމަށެވެ.

ހެންވޭރު ދަނޑުގައި ސާމްޕަލް ނަގާނީ ކޮންމެ ދުވަހަކުވެސް މެންދުރުފަހު 3 އިން އިރުއޮއްސި 6 ޖަހަންދެންކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް އިތުރުވާން ފަށާފައިވާއިރު، ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަލިފެތުރޭ މިންވަރުވެސް ފާއިތުވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. މިއާއެކު ކޯވިޑް-19 ޓެސްޓުކުރެވޭނެ ސާމްޕަލް ކަލެކްޝަންތައް މާލޭ ސަރަޙައްދުގައި އިތުރުކޮށް، ސާމްޕަލް ނެގޭނެ ގަޑިތައް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން މާފަންނު ޔޫތު ސެންޓަރުގައި ހޮނިހިރަކުން ފެށިގެން ބުދަ ދުވަހަކާ ހަމައަށް ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަކަށް ސާމްޕަލް ނެގޭނެއެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގައި ސޯޝަލް ސެންޓަރުގައި ސާމްޕަލް ނެގުން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރު 12:00 އާއި ހަމައަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ސޯޝަލް ސެންޓަރުގައި ސާމްޕަލް ނެގޭނެއެވެ.

މީގެއިތުރުން ވިލިމާލޭގައި ސާމްޕަލް ނެގުން ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ކުރިއަށްދާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ހުޅުމާލޭ ރުއްދަނޑު ސަރަހައްދުން ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.